އެކުވެރި ދައުލަތްތަކުގެ (އދ.) އިޤްތިޞާދީ އަދި އިޖުތިމާޢީ މަޖިލިސް (އިކޮސޮކް) ގެ 2027 އިން 2029 އަށް ހިނގާ ދައުރުގެ މެންބަރުކަމަށް ދިވެހިރާއްޖެ މިއަދު އިންތިޚާބުވެއްޖެއެވެ.
މިއީ 1965 ވަނަ އަހަރު ދިވެހިރާއްޖެއިން އދ. ގެ މެންބަރުކަން ހޯދިފަހުން، ވޭތުވެދިޔަ 60 އަހަރުގެ ތާރީޚުގައި މި މަޖިލީހުގެ ގޮނޑިއެއް ރާއްޖެއަށް ކާމިޔާބުވި ފުރަތަމަ ފަހަރެވެ.
މި އިންތިޚާބުގައި ރާއްޖެއިން ކާމިޔާބީ ހޯދާފައިވަނީ 183 ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައަޅާފައިވާ ތިން ގޮނޑިއަށް ރާއްޖެއާއެކު ދެން ހޮވިފައިވަނީ މެލޭޝިއާ އަދި ރިޕަބްލިކް އޮފް ކޮރެއާއެވެ. ރާއްޖޭގެ މި ދައުރު ރަސްމީކޮށް ފެށޭނީ 1 ޖެނުއަރީ 2027 ގައެވެ. އަދި މި ދައުރު ނިމޭނީ 31 ޑިސެމްބަރު 2029 އަށެވެ.
އިކޮސޮކްގެ މެންބަރުކަމަށް ރާއްޖެ އިންތިޚާބުވުމަކީ، ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަންނަކަމުގެ ހެއްކެކެވެ. މީގެ އިތުރުން، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބޭނުންވާ މާލީ ވަސީލަތްތައް ފަސޭހަކަމާއެކު ހޯދައިދިނުމަށް ރާއްޖެއިން ވަކާލާތުކުރާ ކުރުމަށް ދުނިޔޭގެ އިތުބާރު އޮތްކަން މި ކާމިޔާބީން ހާމަވެގެންދެއެވެ.
މި ތާރީޚީ ކާމިޔާބީއާ ގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ވިދާޅުވީ، އިކޮސޮކްގެ ގޮނޑިއެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމަކީ ޤައުމަށް ލިބުނު ފަޚުރުވެރި ކުރިއެރުމެއް ކަމަށެވެ.
“މިއީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތަށް ކުރާ އިތުބާރުގެ ހެއްކެއް. ހަމައެއާއެކު، ދެމެހެއްޓެނިވި ތަރައްޤީއަށާއި މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރާ އިޚްލާޞްތެރި މަސައްކަތްތައް ދުނިޔެ ބަލައިގަންނަކަން މިއިން ސާބިތުވެގެންދޭ،" މިނިސްޓަރު ވިދާޅުވިއެވެ.




