ބައިނަލްއަގުވާމީ ފެންވަރުގައި ބޭއްވުނު ހިސާބު އިލްމުގެ ބޮޑު މުބާރާތަކުން ދިވެހި ދަރިވަރުންތަކެއް އާދަޔާ ހިލާފު ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި، "ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް 2026" މުބާރާތުގެ ތިން އުމުރުފުރައިން ވެސް އެއްވަނަ ހާސިލުކޮށްފައިވަނީ ދިވެހި ދަރިވަރުންނެވެ.
މިއީ މި މުބާރާތުގެ ތާރީހުގައި ވެސް އެއް ގައުމަކުން މިފަދަ ފަހުރުވެރި ނަތީޖާއެއް ހޯދި ފުރަތަމަ ފަހަރުކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.
އިނގިރޭސިވިލާތުގެ ރިސާޗް އިންސްޓިޓިއުޓެއް ކަމަށްވާ "މެތްސްތްރޫސްޓޯރީސް.އޯގް" އިން އިންތިޒާމުކުރާ މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ތިން އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 4 އަހަރާއި 7 އަހަރާ ދެމެދު، 8 އަހަރާއި 11 އަހަރާ ދެމެދު، އަދި 12 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާތަކެވެ.
ދުނިޔޭގެ 34 ގައުމަކުން ދަރިވަރުން ވާދަކުރި މި މުބާރާތުގައި ރާއްޖޭގެ 650 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ.
ހިސާބު އިލްމުގެ އުފެއްދުންތެރި ލިޔުންތެރިކަމަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް ދަރިވަރުންގެ އުފެއްދުންތައް ހުށަހަޅާފައިވަނީ އޮންލައިންކޮށެވެ. މި އަހަރުގެ މުބާރާތަށް ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހެވެ.




