ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު ހުށަހެޅުމަށް އެ ކުންފުނިން މިއަދު އަންގައިފިއެވެ.
އެ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކަށް ފޮނުވި އިންޓާނަލް މެމޯއެއްގައި ބުނެފައިވަނީ، ހުރިހާ މުވައްޒަފުންގެ ޕޮލިސް ރިޕޯޓް ހޯދައި، ކުރިއަށް އޮތް ހަފުތާގެ ބުރާސްފަތި ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ހެޑް އޮފީހަށް ފޮނުވަން ޖެހޭނެ ކަމަށެވެ.
ފެނަކައިން މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރަން ނިންމާފައި މިވަނީ، ކުންފުނީގެ ހިންގުން ހަރުދަނާކޮށް މާލީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން، އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި އަމިއްލައަށް ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް އިނާޔަތުގެ ގޮތުގައި ހަތަރު މަހުގެ މުސާރަ ދިނުމަށްވެސް ކުންފުނިން ވަނީ ނިންމާފައެވެ.
ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި، މި ފުރުސަތު ހުޅުވާލީ ކުންފުނީގައި ކުރާނެ މަސައްކަތެއް ނެތި ބޭކާރު ގޮތުގައި ގިނަ އަދަދެއްގެ މުވައްޒަފުން ތިބުމާ ގުޅިގެންނެވެ. މީގެ އިތުރުން، ބައެއް މުވައްޒަފުންނަކީ އޮފީސް ގަޑީގައި އެކަށީގެންވާ މަސައްކަތެއް ނުކޮށް، ގިނަ ވަގުތު ބޭރުގައި ހޭދަކުރާ މުވައްޒަފުން ކަމަށާއި، އެހެން ނަމަވެސް އެފަދަ މުވައްޒަފުންނަށްވެސް މީގެ ކުރިން ބަރާބަރަށް ކުރިއެރުން ލިބެމުންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.




