2026 ވަނަ އަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް، ހައްޖުވެރިން އެއާޕޯޓުގައި- ފޮޓޯ: ހައްޖު ކޯޕަރޭޝަން

މިއަހަރު ހައްޖުގެ މާތް އަޅުކަން ފުރިހަމަކުރުމަށްފަހު އެނބުރި އަންނަ ހައްޖުވެރިންނަށް ޚާއްޞަ ފްލޫ ކްލިނިކެއް ގާއިމުކޮށްފައި ނުވި ނަމަވެސް، ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މި އަހަރުގެ ހައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށާއިރު، އާންމު ގޮތެއްގައި މި ދުވަސްވަރަކީ އަރިދަފުސް ރޯގާ އާއި ކެއްސުން ފަދަ ބަލިތައް އިތުރުވާ ދުވަސްވަރެކެވެ. އެޗްޕީއޭއިން ބުނި ގޮތުގައި، ވަކި ޚާއްޞަ ކްލިނިކެއް ނެތް ކަމުގައިވިޔަސް، ހުރިހާ ހޮސްޕިޓަލެއްގެ އޯޕީޑީ މެދުވެރިކޮށް ހައްޖުވެރިންނަށް އަވަސް ފަރުވާ ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.

އަދި ޑޮކްޓަރަށް ދައްކާއިރު އެއީ ހައްޖުން އެނބުރި އައި މީހެއްކަން އެންގުމަކީ މުހިންމު ކަމެއް ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.

ހައްޖުން އެނބުރި އަންނަ މީހުން، 14 ދުވަސް ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. މީގެ އިތުރުން، ބަލީގެ އަލާމާތްތައް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކޮށް އުޅުމުގައި ރައްކާތެރިވުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ 1000 މީހުން އެނބުރި އަންނާނީ، އެމީހުން ފުރައިގެން ދިޔަ ތަރުތީބުން ހަތަރު ގްރޫޕަކަށް ބަހާލައިގެން ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް