ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 4،000 ހައުސިން ޔުނިޓްގެ ތެރެއިން ބައެއް ޔުނިޓުތައް އުސޫލުތަކާ ހިލާފަށް ކުއްޔަށް ދޫކުރަމުންދާ މައްސަލާގައި މިދިޔަ މަހު އެކަކު ޖޫރިމަނާކޮށްއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓުތަކުގެ ތެރެއިން ބައެއް ތަންތަން އުސޫލުތަކާ ޚިލާފަށް ކުއްޔަށް ދޫކުރަމުންދާކަން އެ ކޯޕަރޭޝަނަށް ވަނީ ފާހަގަކުރެވިފައެވެ.
މިފަދަ މައްސަލަތަކާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ތަފްސީލު ހާމަކުރަމުން އެފްޑީސީން ބުނީ، މިދިޔަ މެއި މަހުގެ ތެރޭގައި އެކަކު ޖޫރިމަނާކޮށް، ތިން މީހަކަށް ނަސޭހަތްތެރިވެ އިންޒާރު ދީފައިވާ ކަމަށެވެ. މީގެ އިތުރުން، މި ފަދަ އިތުރު ދެ މައްސަލައެއް މިހާރުވެސް ބަލަމުންދާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.
މީގެ ކުރިންވެސް މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އެފްޑީސީން ވަނީ އަޅާފައެވެ. އެގޮތުން، ފުލެޓެއްގެ ތެރޭގައި ލޭބަރ ކުއާޓަރެއް ހަދައި ބިދޭސީންނަށް ކުއްޔަށް ދިން މައްސަލައެއްގައި، މިދިޔަ ފެބްރުވަރީ މަހު ވަނީ މީހަކު 50،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ތަނުގައި ތިބި ބިދޭސީން ނެރެފައެވެ. އަދި ފަހި ދިރިއުޅުން ޓަވަރުތަކަށް ކުނި އެޅި މައްސަލައެއްގައި ދެ މީހަކު 8،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ.
ބޯހިޔާވަހިކަމުގެ ދަތިކަން ހުރި މީހުންނަށް ޚާއްޞަކޮށްގެން ދޫކުރާ މި ފުލެޓުތައް، ބޮޑު އަގުގައި އަލުން ކުއްޔަށް ދޫކުރާ މައްސަލައަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ. ފުލެޓުތައް ހަވާލުކޮށް ނުނިމެނީސް، ބޮޑު އަގުގައި ކުއްޔަށް ދިނުމަށް ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރި މައްސަލަތަކެއްވެސް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ސޯޝަލް ހައުސިންގ ސްކީމްތަކުގެ ދަށުން ދޫކުރާ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުން ހުއްޓުވުމަށްޓަކައި، ބޭނުންވެއްޖެ ނަމަ ގާނޫނަށް އިސްލާހު ގެނެސްގެންވެސް އެކަން ހުއްޓުވާނެއެވެ.




