ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ނެރުމަށް ހަމަޖެހިފައިވާ ސުކޫކަކީ ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމަށް ނެރޭ އެއްޗެއް ނޫން ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ފިޗް ރޭޓިންގްސްއިން ރާއްޖެއާ ގުޅޭގޮތުން ނެރުނު ރިޕޯޓާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ސަރުކާރުގެ ގެރެންޓީގެ ދަށުން ބޭންކުން ހުށަހަޅާފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުއާމަލާތެއް ކަމަށެވެ. މިއީ ދައުލަތުގެ ބަޖެޓަށް އެހީވުމަށް ނުވަތަ ސަރުކާރުގެ ކޭޝް-ފްލޯ ހަމަޖެއްސުމަށް ކުރާ ކަމެއް ނޫންކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
މި ސުކޫކަކީ މެދު ރާސްތާގައި ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރުމަށް، ޚާއްސަކޮށް އުތުރާއި ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ހިންގާ މުހިންމު މަޝްރޫޢެކެވެ. މާލީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް އިޤްތިޞާދީ ދުވެލި ހަލުވިކުރުމާއި، އަމިއްލަ ވިޔަފާރިތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމެވެ. އަދި މާލެ ސަރަހައްދު ނޫން އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަކީވެސް މިކަމުގެ މުހިންމު މަގުސަދެކެވެ.
މި ސުކޫކުގެ ސަބަބުން ދައުލަތަށް އާމްދަނީ ލިބޭނެ އައު ވަޞީލަތްތައް އުފެދި، ކުރިއަށް އޮތް އަހަރުތަކަށް ކަނޑައަޅާފައިވާ މާލީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޮޑު ބާރަކަށް ވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މި ސުކޫކާއެކު ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި އިޤްތިޞާދީ އައު ދިރުމެއް އުފެދިގެންދާނެއެވެ.



