ސިޔާސީ ދެ ޕާޓީއެއް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވިއިރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގައި ޤާނޫނީ ގޮތުން ބޭނުންވާ މެންބަރުންގެ އަދަދު ހަމަވަނީ ކިރިޔާ ކަން އެ ކޮމިޝަނުގެ ދަފްތަރުން ހާމަވެއްޖެއެވެ.
ދައުލަތުގެ ބަޖެޓުން ފައިސާ ލިބުމަށް ބޭނުންވާ 10,000 މެންބަރުންގެ އަދަދު ހަމަވަނީ ތިން ޕާޓީއެއްގައެވެ. އެއީ:
ޕީއެންސީ: 74,048 މެންބަރުން
އެމްޑީޕީ: 43,784 މެންބަރުން
ޖުމްހޫރީ ޕާޓީ: 12,343 މެންބަރުން
ޤާނޫނީ ގޮތުން ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި މަދުވެގެން ތިބެންޖެހޭ 3,000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދު ހަމަނުވުމުގެ ސަބަބުން، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އާއި ދަ ޑިމޮކްރެޓްސް އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅުއްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދަ ޑިމޮކްރެޓްސްގައި ތިބީ 2,952 މެންބަރުންނެވެ. އަދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި ތިބީ 1,710 މެންބަރުންނެވެ.
މި ދެ ޕާޓީ އުވާލުމާ ގުޅިގެން، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ދެން ބާކީ އޮންނާނީ ހަތް ޕާޓީއެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މިހާރު ތިބީ ޤާނޫނީ މިންގަނޑަށްވުރެ ކުޑަ ތަންކޮޅެއް އިތުރު އަދަދެއް ކަމަށްވާ 3,012 މެންބަރުންނެވެ. އެހެން ޕާޓީތަކަށް ބަލާއިރު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގައި 5,133 މެންބަރުން، އަދާލަތު ޕާޓީގައި 8,267 މެންބަރުން، އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގައި 9,686 މެންބަރުން އެބަތިއްބެވެ.




