އައްޑޫ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ތަޖުރިބާ ދަތުރުތަކަށް، ބޭރުގެ އެހީއަށް ނުބަލައި ކައުންސިލްގެ ބަޖެޓުން ބޮޑު ހަރަދެއް ކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގެ 2022 އާއި 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް އަދި 2024 ވަނަ އަހަރުގެ މާލީ ބަޔާންތަކު ގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އައްޑޫސިޓީ ކައުންސިލްގެ އިދާރާ ތަމްސީލުކުރާ 13 މެންބަރުންގެ ތެރެއިން 8 މެންބަރުންނާ، ކައުންސިލްގެ އިދާރާގެ 2 މުވައްޒަފުން ހިމެނޭހެން ޖުމުލަ 10 ބޭފުޅުން މެލޭޝިއާ އަދި ސިންގަޕޫރަށް 8 ދުވަހުގެ ތަޖުރިބާ ދަތުރެއް ކޮށްފައިވެ އެވެ.
އެގޮތުން ކައުންސިލްގެ އިދާރާގެ 10 ބޭފުޅަކު ކުރި ދަތުރަށް 515,101 ރުފިޔާ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 11 ބޭފުޅަކު ކުރި ދަތުރަށް 685,509 ރުފިޔާ ބަޖެޓުން ހަރަދުކޮށްފައިވެއެވެ.
މީގެ އިތުރުން، ކުރިން ދަތުރެއްގައި ބައިވެރިވި ދެ ބޭފުޅަކު، ފަހުން ކުރި ދަތުރުގެ ތަމްރީނުތަކުގައި ބައިވެރިނުވި ނަމަވެސް، އެ ފަރާތްތަކުގެ ދަތުރު ހަރަދަށް 116,286 ރުފިޔާ ހޭދަކޮށްފައިވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ.



