ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި "ދަ ޑިމޮކްރެޓްސް" އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިކޮށް، އެ ދެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.
މިއަދު އުވާލި ޕާޓީތަކުގެ ތެރެއިން އެމްއެލްއެސްޑީޕީއަކީ ގާނޫނީ ވަކީލު އަބްދުﷲ ހަސީން އިސްވެ ހުންނަވައި 2018 ވަނަ އަހަރު އުފެއްދެވި ޕާޓީއެކެވެ. ގާނޫނުގައި ބަޔާންކުރާ މެންބަރުންގެ އަދަދު ހަމަނުވުމުގެ ސަބަބުން 2023 ވަނަ އަހަރު އެ ޕާޓީ އުވާލަން ކޮމިޝަނުން ކުރިން ނިންމި ނަމަވެސް، މެންބަރުން ހަމަކުރުމަށް އެކަށީގެންވާ މުއްދަތެއް ދީފައިނުވާ ކަމަށް ބުނެ އެ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ޕާޓީއަށް ކާމިޔާބުވުމުން، ކޮމިޝަނުން ވަނީ އެ ފަހަރު އެ ނިންމުން ބަދަލުކޮށްފައެވެ.
"ދަ ޑިމޮކްރެޓްސް" އަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ތެރެއިން އުފެދުނު ޕާޓީއެކެވެ.
މި ޕާޓީ އުވާލަން ނިންމިއިރު، ޕާޓީގެ ބާނީ ރައީސް ނަޝީދާއި ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވި ގިނަ ބޭފުޅުންތަކެއް މިހާރު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
12 ޖުލައި 2023 ގައި ރަސްމީކޮށް އުފެއްދި ޑިމޮކްރެޓްސްގެ ފަރާތުން މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓް އިލްޔާސް ލަބީބް ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވައި، ފާހަގަކޮށްލެވޭ ނަތީޖާއެއް ހޯއްދަވާފައެވެ.




