2026 ވަނަ އަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް، ހައްޖުވެރިން އެއާޕޯޓުގައި- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ޙައްޖުގެ އަޅުކަން ނިންމުމަށްފަހު ޙައްޖާޖީން އެނބުރި ރާއްޖެ އަންނަ ދުވަސްތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަރަށް ބާރުބޮޑުވާނެ ދުވަސްތަކެއް ކަމަށް ބެލެވޭތީ، ދަތުރުވެރިން އެކަމަށް ސަމާލުވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.

ޙައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 5، 7، 8 އަދި 9 ވަނަ ދުވަހުއެވެ. އެމްއޭސީއެލް އިން ސޯޝަލް މީޑިއާގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މި ދުވަސްތަކުގައި ޙައްޖާޖީންނާއި، އެ ބޭފުޅުންގެ އިސްތިޤްބާލުގައި އަންނަ ފަރާތްތަކުގެ އިތުރުން އާންމު ދަތުރުވެރިންގެ ސަބަބުން އެއާޕޯޓުގެ ތޮއްޖެހުން ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.

އެހެންކަމުން، އެ ދުވަސްތަކުގައި އެއާޕޯޓަށް ވަޑައިގަންނަވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. ވަކިން ޚާއްޞަކޮށް، އެއާޕޯޓުގެ ޕާކިންގ ސަރަޙައްދާއި ޓްރެފިކަށް ބާރުބޮޑުވާނެތީ، އަމިއްލަ އުޅަނދުތަކުގެ ބަދަލުގައި ފެރީ ނުވަތަ ބަހުގެ ޚިދުމަތް ބޭނުންކުރެއްވުމަށް އެމްއޭސީއެލް އިން އިރުޝާދު ދެއްވައެވެ.

ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. އޭގެ ތެރޭގައި ހިމެނެނީ ސައުދިއާ އެއަރލައިންސްގެ ދެ ފްލައިޓާއި މޯލްޑިވިއަންގެ ދެ ފްލައިޓެވެ. ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް މި މަހުގެ 5 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގައި ސައުދިއާ އެއަރލައިންސްގެ ފްލައިޓެއްގައި ރާއްޖެ އައުމަށް ވަނީ ތާވަލުކުރެވިފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް