ޑިޖިޓަލައިޒްވުމުން ހިދުމަތްތައް އަވަސްވާނެ: އާސަންދަ

އާސަންދައިގެ ޚިދުމަތްތައް ޑިޖިޓަލް ނިޒާމަކަށް ބަދަލުވުމާއެކު، މިހާރަށްވުރެ ހަލުވިކަމާއެކު ޚިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން، މީގެ ކުރިން އެންސްޕާ މެދުވެރިކޮށް ދެމުންދިޔަ ގިނަ ޚިދުމަތްތަކެއް މިހާރު ވަނީ އާސަންދައިގެ ދަށަށް ބަދަލުކުރެވިފައެވެ.
ޤައުމީ ސިއްޙީ އިންޝުއަރެންސް ނިޒާމަކީ ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ވަސީލަތެވެ.

އާސަންދައިގެ ދަށުން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުން ދިޔަ ނަމަވެސް، އިޖުތިމާޢީ ރައްކާތެރިކަމާ ގުޅުންހުރި އެހީތައް މީގެ ކުރިން ބަލަހައްޓަމުން ދިޔައީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިންނެވެ.

ނަމަވެސް، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަވަސްކުރުމުގެ މަޤްޞަދުގައި ސަރުކާރުން މިހާރު ވަނީ އެންސްޕާގެ ބައެއް މުހިންމު ޒިންމާތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފައެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒީނިޔާ ފާހަގަކުރެއްވި ގޮތުގައި، ޚިދުމަތްތައް ލަސްވުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ގިނަ މަސައްކަތްތަކެއް މެނުއަލްކޮށް ނުވަތަ އަތުން ކުރަންޖެހުމެވެ. މީގެ ސަބަބުން މުވައްޒަފުންގެ ބޮޑު ވަގުތެއް އެކަމަށް ހޭދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކަރުދާސް ފޯމުތަކާއި މެނުއަލް ރަޖިސްޓްރީތައް ބެލެހެއްޓުމަކީ އިންތިހާއަށް ވަގުތު ހޭދަވާ ކަމެއް. މިފަދަ އިދާރީ މަސައްކަތްތަކުގެ ސަބަބުން ޚިދުމަތް ދިނުމުގައި ލަސްތަކެއް ކުރިމަތިވޭ. ނަމަވެސް، އާސަންދައިގެ މުޅި ނިޒާމު އެއްކޮށް ޑިޖިޓަލައިޒް ކުރެވުމުން، ޚިދުމަތްތަކުގެ ދުވެލި ވަރަށް ބޮޑަށް ހަލުވިވެގެންދާނެ ކަމީ އަޅުގަނޑުމެންގެ ބޮޑު އުންމީދެއް،" ޒީނިޔާ ވިދާޅުވިއެވެ.

އާސަންދައިގެ ހިދުމަތްތައް ލަސްވުމަކީ އާންމުގެ އެންމެ ބޮޑު އެއް ޝަކުވާއެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް