މިދިޔަ މެއި މަހު މަސްވެރިން ކިރުވި މަހަށް 31 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު ޖުމްލަ 693 ދޯންޏަކުން 1،791 ޓަނުގެ މަސް ކިރުވާފައިވެއެވެ. މި މަހަށް ޖުމްލަ 31،081،853 ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ. އޭޕްރީލް މަހާ އަޅާބަލާއިރު މެއި މަހު ކިރުވި މަހުގެ މިންވަރު ވަނީ ބޮޑުތަނުން ދަށްވެފައެވެ. އޭޕްރީލް މަހު 1،068 ދޯންޏަކުން 4،414 ޓަނުގެ މަސް ކިރުވާފައިވެއެވެ.
މަސް ކިރުވި މިންވަރު ދަށްވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، މެއި މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖެއަށް ކުރި ހުޅަނގު މޫސުމުގެ ވިއްސާރައާއި، މަހުގެ ފަހުކޮޅު އީދު ބަންދާ ދިމާވުމުން މަހަށް ނުކުތް ދޯނިފަހަރުގެ އަދަދު މަދުވުން ހިމެނެއެވެ.
މިފްކޯއިން ހާމަކޮށްފައިވާ ތަފްސީލީ ހިސާބުތަކަކީ:
ކަޅުބިލަމަސް:
ކިރުވި މިންވަރު: 1,708.9 ޓަން
ދޫކުރި ފައިސާ: 29,063,153 ރުފިޔާ
ދޯނީގެ އަދަދު: 367
ކަންނެލި (10 ކިލޯއިން މަތި):
ކިރުވި މިންވަރު: 6.9 ޓަން
ދޫކުރި ފައިސާ: 138,000 ރުފިޔާ
ދޯނީގެ އަދަދު: 109
ކަންނެލި (15 ކިލޯއިން މަތި):
ކިރުވި މިންވަރު: 75.2 ޓަން
ދޫކުރި ފައިސާ: 1,880,700 ރުފިޔާ
ދޯނީގެ އަދަދު: 217
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް، މިއީ އިގްތިސާދަށް އެންމެ ބޮޑު ނަފާ ލިބޭ އެއް ދާއިރާއަށް ހެދުމަށް ސަރުކާރުން އަންނަނީ ޚާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.




