އެކްސިޑެންޓްވި ލޯންޗު-- ފޮޓޯ: އެމްއެންޑީއެފް

ދެ މީހުންނާއެކު ދަތުރުކުރި ލޯންޗަކާއި ސަޕްލައި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، އެ ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައި ފުލުހުން ޖިނާއީ ތަހުގީގެއް ފަށައިފިއެވެ.

އިއްޔެ ހެނދުނު މި ހާދިސާ ހިނގާފައިވަނީ "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗެއްގައެވެ. މި އެކްސިޑެންޓުގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އެ މީހުންނަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ލޯންޗުގެ ކެޕްޓަން ކަމަށްވާ 38 އަހަރުގެ ދިވެހި ފިރިހެނަކާއި ބަންގްލަދޭޝްގެ ފިރިހެން ފަޅުވެރިއެކެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި އެކްސިޑެންޓް ހިނގުމަށްފަހު ސަޕްލައި ދޯނި މަޑުނުކޮށް ވަނީ ފިލާފައެވެ.

ނަމަވެސް، ފުލުހުން ކުރި މަސައްކަތުން މިހާރު އެ ދޯނި ހޯދައި، ދޯނީގެ ކެޕްޓަންގެ ލައިސަންސް ވަނީ ހިފަހައްޓާފައެވެ. އަދި މި މައްސަލައިގައި ޖިނާއީ އަދި މަދަނީ ތަހުގީގެއް ހިންގަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން، އެއީ ރިސޯޓް ސަޕްލައި ދޯންޏެއްކަން ފާހަގަކުރައްވައި ފުލުހުން ވިދާޅުވީ، އެކްސިޑެންޓަށްފަހު މަޑުނުކޮށް ފިލި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ހާދިސާގައި ލޯންޗުގެ ކުރީކޮޅު އެއްކޮށް ފުނޑުފުނޑުވެ، ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް