މަލްޓިލޭޓަރަލް އެކްސަސައިޒް "ޕްރަގަތީ 2026"ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ

"ޕާޓްނަޝިޕް އޮފް ރީޖަނަލް އަރމީސް ފޯ ގުރޯވްތު އެންޑް ޓްރާންސްފޯމޭޝަން އިން ދަ އިންޑިއަން އޯޝަން ރީޖަން" (ޕްރަގަތީ 2026) މަލްޓިލޭޓަރަލް އެކްސަސައިޒްގައި އެމްއެންޑީއެފުން ބައިވެރިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މޭ މަހުގެ 18އިން 31 އަށް އިންޑިއާގެ އުމްރޯއި މިލިޓަރީ ސްޓޭޝަނުގައި ކުރިއަށްގެންދިޔަ މި އެކްސަސައިޒަކީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންތަކާއި، ސުލްހަ ބެލެހެއްޓުމުގެ މަސައްކަތްތަކުގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ އެކްސަސައިޒެއް ކމަށެވެ.

އަދި މި އެކްސަސައިޒްގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސް، އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަން ގްރޫޕް އަދި އެމްއެންޑީއެފް ސްޕެޝަލް ބޯޓު ސްކޮޑްރަންގެ އިތުރުން އެމްއެންޑީއެފް މެރިން ކޯރގެ ސިފައިން ބައިވެރިވިއިރު، މި އެކްސަސައިޒް ނިންމާލާފައިވަނީ ބައިވެރިވި ގައުމުތަކުގެ މެދުގައި، ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން ދައްކުވައިދިން 72 ގަޑިއިރުގެ ވެލިޑޭޝަން އެކްސަސައިޒަކަށް ފަހު ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

މި އެކްސަސައިޒްގައި 13 ގައުމަކުން 400 އަށް ވުރެ ގިނަ ސިފައިން ބައިވެރިވިއެވެ. ރާއްޖެ ހިމެނޭހެން މި އެކްސަސައިޒްގައި އިންޑިއާ، ބޫޓާން، ކެމްބޯޑިއާ، އިންޑޮނޭޝިޔާ، ލާއޯސް، މެލޭޝިޔާ، މިޔަންމާ، ނޭޕާލް، ފިލިޕީންސް، ސީޝެލްސް، ސްރީލަންކާ އަދި ވިއެޓްނާމްގެ ސިފައިން ބައިވެރިވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް