މިއަދު ފެށި އައު ދައުރުގެ ޖަލްސާތައް ހަފުތާއަކަށް މެދުކަނޑާލައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިއަދު ފެށުމަށްފަހު، އެއް ހަފްތާގެ މުއްދަތަށް ޖަލްސާތައް މެދުކަނޑާލައިފިއެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކުވެސް ޖަލްސާތައް ކުރިއަށްގެންދަނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. މިއަހަރުގެ ދެވަނަ ދައުރު މިއަދު ފެށި ނަމަވެސް، މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އިޢުލާނު ކުރެއްވި ގޮތުގައި، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުއެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ހަމަވެ، ދެ ހަފްތާ ޗުއްޓީއަށް ދާން އޮތީ މިދިޔަ މަހު 14ގަ އެވެ. ނަމަވެސް ޗުއްޓީއަށް ނުގޮސް، މިދިޔަ މަހުގެ ނިޔަލަށް ދައުރު ދިގު ދަންމާލިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިއަދު ފެށި، އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން، ކޮންމެ އަހަރަކުވެސް ފުރަތަމަ ދައުރުގެ ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި، މި އަހަރުގެ ފުރަތަމަ ދައުރު ވަނީ ނިމިދިޔަ މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އެހެންނަމަވެސް، އެ މައްސަލައަށް ތާވަލުކުރި ޖަލްސާ ފެށުމުގެ ބައިގަޑިއިރު ކުރިން އަޙްމަދު ނާޒިމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރުން ފާހަގަކޮށްލެވޭ ކަމަކީ، މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް އެންމެ އެދެވޭ ގޮތެއްގައި ގަވާއިދުން ބާއްވާފައި ނުވާ ކަމެވެ.  

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް