ދަމަނަވެށީގެ ހިދުމަތްތައް މާފަންނު އާބަން ޕްރައިމަރީ ހެލްތު ސެންޓަރަށް ބަދަލުކޮށްފި

މާލޭގައި ދެވަނަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާތީ، ދަމަނަވެށި ވަގުތީގޮތުން ބަންދުކޮށް އެތަނުން ފޯރުކޮށްދެމުން އައި ޚިދުމަތްތައް މާފަންނު އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރަށް ބަދަލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ކުރިން ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ދަމަނަވެށި ހިންގި އިމާރާތާއި ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި އިމާރާތުގައި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.

މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި ދަމަނަވެށީގެ ޚިދުމަތްތައް އެހެން ތަންތަނަށް ވަގުތީގޮތުން ބަދަލުކުރާނެކަން އެ މިނިސްޓްރީން ކުރިންވެސް ވަނީ ހާމަކޮށްފައެވެ.

އައިޖީއެމްއެޗުން މިއަދު މަޢުލޫމާތު ދިން ގޮތުގައި، ދަމަނަވެށީގެ ޚިދުމަތްތައް މިއަދުން ފެށިގެން ދެމުންދާނީ ރަސްފަންނު ކުރިމަތީގައި ހުންނަ މާފަންނު އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުންނެވެ. މި ބަދަލަކީ ދަމަނަވެށީގެ އިމާރާތުގައި ކުރިއަށްދާ މަރާމާތުގެ މަސައްކަތްތަކާ ގުޅިގެން ގެނެވުނު ވަގުތީ ބަދަލެކެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައިވެސް އާބަން ޕްރައިމަރީ ހެލްތު ކެއާގެ ޚިދުމަތްތައް މިހާރު ލިބެން ހުންނާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މާފަންނުގައި ހުންނަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް