ތިލަފުށީ ޕޯޓަށް 100 މީޓަރުގެ އެއްގަމު ތޮށިލާން އެމްޓީސީސީއަށް

ކ. ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ބިނާކޮށް، ޕޭވްމަންޓް އެޅުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ރަސްމީކޮށް ޙަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ޙުސައިން ޝަފީޤެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ރޭވިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ބަނދަރު ފުންކުރުމާއި، 112 މީޓަރުގެ ސަރަޙައްދެއްގައި ޝީޓްޕައިލް ކޮށްގެން އެއްގަމު ތޮށިލުމާއި، 30 ޓަނުގެ ބޯލާޑް ހަރުކުރުމުގެ އިތުރުން، ކޮންކްރީޓް ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 18.80 މިލިއަން ރުފިޔާއަށް، 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢު ނިމުމުން، ތިލަފުށީގައި އެމްޕީއެލްއިން ހިންގާ އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް ލިބި، ދެވޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

އެމްޓީސީސީއަކީ ވޭތުވެދިޔަ 43 އަހަރަށްވުރެ ދިގު މުއްދަތުގައި، ރާއްޖޭގެ އުމްރާނީ ތަރައްޤީގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ އިތުބާރު ހުރި ކުންފުންޏެކެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް