އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ކުރީގެ ރައީސް ބައްސާމް ޢަދީލް ޖަލީލަށް 29,000 އެމެރިކާ ޑޮލަރު ލިބުނު މައްސަލާގައި، އޭނާގެ މައްޗަށް މަނީ ލޯންޑަރިންގގެ ދަޢުވާ ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭ.ސީ.ސީން ހާމަކުރި ގޮތުގައި، މި މައްސަލައަކީ އެ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ތެރެއިން ތަޙުޤީޤުކޮށްފައިވާ މައްސަލައެކެވެ.
މި ތަޙުޤީޤަށް އެނގިފައިވާ ގޮތުގައި، އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ އެކުއިޒިޝަން ކޮސްޓުގެ ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ ވަނީ އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށްފައެވެ.
އެސް.އޯ.އެފްގެ އެކައުންޓުން ބައްސާމް ޢަދީލް ޖަލީލްގެ އެކައުންޓަށް 29,000 ޑޮލަރު ޖަމާކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެންކަން ތަޙުޤީޤަށް ވަނީ ސާބިތުވެފައެވެ. އަދި ބައްސާމް މި ފައިސާ ބޭނުންކޮށްފައިވަނީ އޭނާގެ އަމިއްލަ ބޭނުންތަކަށް ކަންވެސް އޭ.ސީ.ސީން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގެ މުޢާމަލާތްތަކުގައި ބައްސާމް ބައިވެރިވެ، އެކަމާ ގުޅޭ އެކި އެއްބަސްވުންތަކުގައި އޭނާ މަސައްކަތް ކޮށްފައިވާކަންވެސް ތަޙުޤީޤަށް ވަނީ ހާމަވެފައެވެ.




