ކ. ގަލުފަޅު ކައިރީގައި މިއަދު ހިނގި ނުރައްކާތެރި ކަނޑުމަތީގެ އެކްސިޑެންޓާ ގުޅިގެން، އެކްސިޑެންޓްވުމަށްފަހު މަޑުނުކޮށް ދިޔަ އުޅަނދުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 06:19 ހާއިރުއެވެ. އެކްސިޑެންޓްވި ލޯންޗުގައި އެ ވަގުތު ދެ މީހަކު ތިބިއިރު، އެއީ އުމުރުން 38 އަހަރުގެ ދިވެހި ކެޕްޓަނަކާއި ބަނގްލަދޭޝްގެ ފަޅުވެރިއެކެވެ.
މި ދެ މީހުންނަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ. އެކްސިޑެންޓަށްފަހު އެ ލޯންޗު މިހާރު ވަނީ މާލޭގެ 1 ނަންބަރު ފާލަމަށް ގެނެސްފައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ތަހުގީގުގެ ތެރެއިން މިހާރު ވަނީ ލޯންޗު ޖެހުނު އުޅަނދު ދެނެގަނެވިފައެވެ. އެއީ ސަޕްލައި ދޯންޏެއް ކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ. އެކްސިޑެންޓަށްފަހު މަޑުނުކޮށް ދޯނި ދިޔަ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު، އެކަމާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މި ހާދިސާގައި އަނިޔާވި ދެ މީހުންގެ ހާލަތާ ގުޅޭގޮތުން ފުލުހުން ބުނީ، އެމީހުންގެ ހާލު މިހާރު ސްޓޭބަލް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.




