ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލަން ޖެހޭ ގޮތަށް ހަދަނީ

ނަމާދު ވަގުތުތަކުގައި ކުޅިވަރު ކުޅުން މެދުކަނޑާލައި، ކުޅިވަރު ކުޅޭ ސަރަހައްދުތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިންނަކީ ސައްތަ އިންސައްތަ މުސްލިމުން ކަމަށްވާތީ، އަމަލީ މައިދާނުގައިވެސް ދީނީ ކަންކަމަށް އިސްކަންދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުޅިވަރު ކުޅެން އުޅޭއިރު ނަމާދު ވަގުތު ފާއިތުވެގެންދާއިރުވެސް ކުޅިވަރުގައި ދެމިތިބުމަކީ އެންމެ އެދެވިގެންވާ ގޮތެއް ނޫނެވެ. އަދި މިއީ ގަސްތުގައި ކުރާ ކަމަކަށް ވުރެ ބޮޑަށް، ޒަމާނުއްސުރެ އާދަވެފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ސަރުކާރުން ބިނާކުރާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ކުޅިވަރު އެކުވެނިތަކުގައި ނަމާދު ކުރެވޭނެ ފެސިލިޓީތައް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ބަންގި ގޮވާ ވަގުތުން ފެށިގެން ގާތްގަނޑަކަށް ވިއްސަކަށް މިނެޓަށް ހުރިހާ ކުޅިވަރު ހަރަކާތްތަކެއް މެދުކަނޑާލުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މާފަންނު ސްޓޭޑިއަމާއި ކުޅިވަރު އެކުވެނި ފަދަ ތަންތަނުގައިވެސް މި އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް