ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭ މިންގަނޑަށް މި މަސް ނިމުމުގެ ކުރިން ބޮޑު ލުޔެއް ލިބިގެންދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑޮލަރުގެ ދަތިކަމަށް އޮތް ހައްލާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ބީއެމްއެލްގެ ކާޑު ލިމިޓްތަކަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން ސަރުކާރުން ބޭންކާ މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ބޭންކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ހުރެ މިވަގުތު ލިމިޓްތައް ހަނިކޮށްފައިވީ ނަމަވެސް، އިއްޔެ ބޭންކުން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މަސް ނިމޭއިރު އެ މިންގަނޑުތަކަށް ބޮޑު ލުޔެއް ދޭނެކަމުގެ އިޝާރާތެއް ލިބިފައިވެއެވެ. ރައީސް ވިދާޅުވީ، އިރާދަކުރެއްވިއްޔާ މި ބަދަލާއެކު ރައްޔިތުންނަށް ބޮޑުތަނުން ފަސޭހަވެގެންދާނެ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކުން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް މުއާމަލާތްތަކަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ސަބަބު އެ ބޭންކުގެ ތަރުޖަމާން މުޙައްމަދު ސައީދު ސާފުކޮށްދެއްވައިފިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާއެކު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ދަށްވެ، ބޭންކަށް ބޭރު ފައިސާ ގަންނަން ލިބޭ މިންވަރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. މީގެ ކުރިން މިފަދަ ވިޔަފާރިތަކަށް ބޭންކުން ދުވާލަކު 1.33 މިލިއަން ޑޮލަރު ދޫކުރަމުން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.
ބޭންކުން މިހާރު ގެންގުޅޭ އުސޫލަކީ ކޮންމެ ދުވަހަކަށް ވަކި ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިގެން މުއާމަލާތްތައް ކުރިއަށް ގެންދިއުމެވެ. މި ބަޖެޓް ހަމަވުމުން އެ ދުވަހެއްގެ ބާކީ އޮތް ވަގުތު ބައެއް ސައިޓްތަކުން ވިޔަފާރި ނުކުރެވޭނެއެވެ. އެހެންނަމަވެސް، ޑޮލަރު އެކައުންޓްތަކާ ގުޅިފައިވާ ކާޑުތަކުން އެއްވެސް ހިފެހެއްޓުމެއް ނެތި މުއާމަލާތްތައް ކުރެވޭނެކަމުގެ ޔަގީންކަން ބޭންކުން ދެއެވެ.




