ނެނޯ ނީޑަލް ކެމެރާ ބޭނުން ކުރަނީ----- ފޮޓޯ/ ގޫގުލް

ކުދި ހުޅުތަކަށް ދިމާވާ އެކި މައްސަލަތައް ދެނެގަތުމަށްޓަކައި، "ނެނޯ ނީޑަލް" ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންތައް އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި އިއްޔެ ވަނީ ފަށާފައެވެ.

މިއީ ރާއްޖޭގެ ސިއްޙީ ދާއިރާގައި މުޅިން އަލަށް ތަޢާރަފުކުރެވުނު ޒަމާނީ ފަރުވާއެކެވެ.

އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނަކީ އާތްރޯސްކޯޕީގެ އެހީގައި، ހަށިގަނޑުން ވަރަށް ކުޑަ ތަންކޮޅެއް ފަޅާލައިގެން ނެނޯ ނީޑަލް ބޭނުންކޮށްގެން ކުރާ ސާޖަރީއެކެވެ. މި ނީޑަލްއަކީ ހަށިގަނޑުގެ ހަނި ދޭތެރެތަކަށް ފަސޭހަކަމާއެކު ވެއްދޭ އަދި ބޭނުންވާ ގޮތަކަށް ލަނބާލައިގެން ބެލޭ ފަދަ ކެމެރާއެއް ހަރުކޮށްފައިވާ އާލަތެކެވެ.

މި އާލަތުގެ އެހީގައި، އެމް.އާރް.އައި ހަދަން ނުޖެހި، ހުޅުތަކުގެ އެތެރެއަށް ލިބިފައިވާ ގެއްލުންތަކާއި ލިގަމެންޓްތަކުގެ ހާލަތު ވަރަށް ސާފުކޮށް ދެނެގަނެވޭނެއެވެ. މިއީ ކުދި ހުޅުތަކުގެ ފަރުވާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ސިފަކުރެއެވެ.

މީގެ އިތުރުން، މިފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކުރެވޭ އޮޕަރޭޝަންތަކުގެ ސަބަބުން، ހޭނައްތައިގެން ފަރުވާ ދިނުމުގައާއި ސާޖަރީގެ ތެރޭގައާއި އޭގެ ފަހުން އިހުސާސްކުރަންޖެހޭ ތަދު ކުޑަވެގެންދާނެއެވެ. އަދި އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުގައި މަޑުކުރަންޖެހޭ ވަގުތު ކުރުވެ، ބަލިމީހާ އަވަހަށް ގެއަށް ދިއުމުގެ ފުރުޞަތު މި ފަރުވާއާއެކު ފަހިވެގެންދާނެކަމަށް އައިޖީއެމްއެޗުން ފާހަގަކުރެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް