ރައީސް ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި ޢުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާގެ ވަކި ޕްލެޓްފޯމްތަކެއް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ދިވެހި މުޖުތަމަޢަކީ އިސްލާމީ މަތިވެރި އުޞޫލުތަކާއި ރިވެތި އަޚުލާޤުގެ މައްޗަށް ބިނާވެފައިވާ، އެކުވެރި އަދި ގުޅުން ބަދަހި ކުޑަ މުޖުތަމަޢެއް ކަމަށެވެ.

އެހެންކަމުން، މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ހުރަސްއެޅޭ ކަންކަން އިޞްލާޙުކުރުމަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކުގައި މިފަދަ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ގެންގުޅޭ އުޞޫލުތަކަށް ރިޢާޔަތްކުރައްވަމުން ރައީސް ވިދާޅުވީ، މިއީ ޒުވާން ޖީލުގެ ރައްކާތެރިކަމަށްޓަކައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި މިއީ ގިނަ ބެލެނިވެރިންގެ އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ބައިނަލްއަޤުވާމީ ފެންވަރުގައިވެސް މިއަދު ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރަކަށް އައިސް ކުޑަކުދިން ސޯޝަލް މީޑިއާގެ އެކި ނުރައްކާތަކަށް ހުށަހެޅޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

ޚާއްޞަކޮށް "ސައިބަރ ބުލީންގ" ނުވަތަ އިންޓަރނެޓްގެ ޒަރީޢާއިން ކުރާ ގޯނާގެ ސަބަބުން ކުދިންގެ މުސްތަޤުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަން ފާހަގަކުރައްވައި، އެފަދަ ނުރައްކާތަކުން ކުދިން ސަލާމަތްކުރުމަކީ ނުހަނު މުހިންމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް