ށ.ގޮއިދޫ

ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ވީޑިއޯއެއް ށ. ގޮއިދޫ މިސްކިތު އިމާމު ވައިބާ ގްރޫޕެއްގައި ހިއްސާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ށ. ގޮއިދޫގައި ހިނގި މި ހާދިސާގައި، އެ ރަށުގެ ޒިންމާދާރު މަގާމެއް ފުރަމުންދާ ފަރާތަކުން، އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ރަށުގެ ރައްޔިތުންގެ ވައިބާ ގްރޫޕަކަށް ފޮނުވާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ވީޑިއޯއަކީ އެ ފަރާތާއި އިތުރު މީހަކު ބައިވެރިވެގެން ހިންގާފައިވާ އަމަލުތަކެއް ދައްކުވައިދޭ ވީޑިއޯއެއް ކަމަށް ބެލެވޭއިރު، މި މައްސަލައާ ގުޅިގެން ރަށުގެ ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.

މިކަމާ ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއް ވައިބާ ގްރޫޕެއްގައި ހިއްސާކުރި މައްސަލައެއް، މެއި 27 ވަނަ ދުވަހު ށ. ގޮއިދޫއިން ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، އެ ވީޑިއޯ ފެތުރި މައްސަލައާއި އޭގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ އެންމެހައި ކަންކަން ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް