މަޖިލީހުގެ ނައިބު ރައީސަކަށް ކުރިމަތިލެއްވީ ސަލީމާއި ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ނަން މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނާޒިމް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީގެ ފަރާތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައި، އެ މައްސަލައިގެ މަސައްކަތް ކުރިއަށް ގެންދަން ތައްޔާރުވެފައި ވަނިކޮށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ނައިބު ރައީސްގެ މަގާމަށް ސަލީމް އައްޔަނުކުރުމަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހެވެ. ޕީއެންސީގެ ފަރާތުން މި މަގާމަށް ސަލީމް ފިޔަވައި އިތުރު ބޭފުޅެއްގެ ނަން ހުށަހަޅާފައެއް ނުވެއެވެ. އަދި މި މަގާމަށް ފިއްޓެ ގެންނެވުމަށް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް ހަމަޖެހިފައިވަނީ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެހެންކަމުން، ޖަލްސާގައި އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ވޯޓު ގުނުމުގެ މަސައްކަތް ބަލަހައްޓާނެ ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތެވެ. މި ކޮމިޓީ އެކުލަވާލުމުގައި މަޖިލީހުގައި ތަމްސީލުކުރާ ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނުމަށް އިސްކަންދޭންޖެހެއެވެ. ވޯޓު ގުނާ ކޮމިޓީއަށް މެންބަރުންގެ ނަންތައް ހުށަހެޅުއްވީ ޕީޖީ ލީޑަރު ފަލާހް އެކަންޏެވެ. އޭނާ ހުށަހެޅުއްވި މެންބަރުންނަކީ: ހުސްނީ މުބާރިކް - މަނަދޫ ދާއިރާ (ޕީއެންސީ) އިބްރާހިމް ޝުޖާޢު - ބާރަށު ދާއިރާ (ޕީއެންސީ) ޑރ. އަނާރާ ނަޢީމް - ހުރާ ދާއިރާ (ޕީއެންސީ) އިބްރާހިމް ނާޒިލް - ހިތަދޫ ދެކުނު ދާއިރާ (އެމްޑީޕީ) އަބްދުލް ހަންނާން - ތުޅާދޫ ދާއިރާ (އަމިއްލަ) ވޯޓު ގުނުމަށް މި ފަސް މެންބަރުންގެ ކޮމިޓީ ހޮވުމަށް މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.  

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް