ކޮންޓެއިނާ ސްކޭނަރު ބޭނުންކުރަން ފަށަނީ

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް، އޮޕަރޭޝަނަށް ނެރެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތައް ފުރިހަމައަށް ތަންފީޒުކުރުމަކީ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ.

އެގޮތުން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމަށް ނިންމާފައިވާ ނިންމެވުމާ އެއްގޮތަށް، އެފަދަ ތަކެތި ދެނެގަތުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ކަންކަން މިހާރުވެސް ވަރަށް ބޮޑަށް ހަރުދަނާކޮށްފައިވާ ކަމަށާއި، އިންޓެލިޖެންސް މަޢުލޫމާތުގެ އެހީގައި ރާއްޖެއަށް އެތެރެވާ ތަކެތި ތަޙުލީލުކޮށް، ޤަވާއިދާ ޚިލާފު ތަކެތި އަތުލައިގަންނަމުންދާ ކަމަށެވެ.

އަދި އަތުލައިގަނެވޭ ތަކެތީގެ މިންވަރު އިތުރުވުމަކީ، ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ހަރުދަނާވެ، އޭގެ ނަތީޖާ ފެންނަމުންދާ ކަމުގެ ހެއްކެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، ކަސްޓަމްސްގެ ސަރަޙައްދުތަކުގައި ސްކްރީނިންގ ނިޒާމު މިހާރަށްވުރެ ފުރިހަމަވެގެންދިއުމުން، ގަވާއިދާ ހިލާފަށް އެތެރެކުރާ ތަކެތި ހޯދުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ކޮންޓެއިނަރުތައް ހުރިގޮތަށް ސްކޭން ކުރެވޭނެ އިންތިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ކަސްޓަމްސް ގުޅިގެން ރާއްޖޭގެ މައި ބަނދަރުގައި "ފުލް ކޮންޓެއިނަރ ސްކޭނަރެއް" ހަރުކުރުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމައި ބޭނުންކުރަން ފެށޭނެ ކަމަށާއި، އޭގެ ސަބަބުން ބޯޑަރުގެ ސަލާމަތީ ކަންކަން އައު ހަރުފަތަކަށް ގެންދެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް