އެންސްޕާއިން ދެމުންދާ ބައެއް ހިދުމަތްތައް އާސަންދަމު ދަށަށް

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދެމުން އައި "މެޑިކަލް ވެލްފެއާ ސްކީމް" ގެ ޚިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށްފިއެވެ.
މާދަމާއިން ފެށިގެން މި ޚިދުމަތްތައް އާސަންދައިގެ ނިޒާމުގެ ތެރެއިން ލިބިގެންދާނެއެވެ. މި ބަދަލާއެކު ޖުމލަ 16 ޚިދުމަތެއް ވަނީ އާސަންދައިގެ ދަށަށް ބަދަލުކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނޭ މުހިންމު ބައިތަކަކީ:

  • ގޯޝަން ބަލި ތަހައްމަލުކުރާ ފަރާތްތަކަށް ބޭނުންވާ ބޭސް ރާއްޖެއަށް ގެނައުމާއި ފޯރުކޮށްދިނުން.
  • ކެންސަރު ބަލީގެ ފަރުވާގައި ބޭނުންކުރާ ބޭސްތައް ފޯރުކޮށްދިނުން.
  • ރާއްޖެއިން ލިބެން ނެތް ނުވަތަ ހުއްދަދެވިފައިވާ ބޭހުގެ ލިސްޓުގައި ނުހިމެނޭ ބޭސް ހޯދުމަށް އެދޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ބޭސް ފަރުވާއަށް ބޭނުންވާ، ރާއްޖެއިން ލިބެން ނެތް ބޭހާއި އާންމު ބޭސް ހޯދުމަށް ދެވޭ މާލީ އެހީތެރިކަން.
  • އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ އިތުރު ޓިކެޓް ހަމަޖައްސައިދިނުން.
  • ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ދިމާވާ ސިއްހީ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ސަރުކާރު ހޮސްޕިޓަލްތަކުންނާއި އާސަންދައިގެ ތެރެއިން ނުހެދޭ ޓެސްޓުތަކާއި ތަހުލީލުތަކަށް އެހީތެރިކަން ދިނުން.
  • ބަލިމީހުން ބޭނުންކުރާ އެކި ބާވަތްތަކުގެ އާލަތްތަކާއި، މެޝިނާއި (އެސިސްޓިވް ޑިވައިސަސް) އަދި މެޑިކަލް ކޮންސިއުމަބަލްސް ފަދަ ތަކެތި ހޯދުމަށް ދެވޭ އެހީ.
  • އިތުރު ފަރުވާއެއް ނެތް ކަމަށް ޚާއްސަ ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެން، ރާއްޖެއަށް ނުވަތަ އުފަން ރަށަށް އެނބުރި ދިއުމަށް
  • ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުން.
  • ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓަށް ފަހު ހަދަންޖެހޭ ފޮލޯއަޕްތަކަށް އެހީތެރިކަން ދިނުން.
  • ރާއްޖެއިން ބޭރުން އިތުރު ފަރުވާ ހޯދުމަށް ބޭނުންވާ ރިފަރަލް ހަމަޖައްސައިދިނުން.
  • ބޭސްފަރުވާ ކުރުމަށް ކުރިން ނިންމާފައިވާ ހޮސްޕިޓަލް ބަދަލުކުރުމާއި، އެކަމަށް ބޭނުންވާ ކޮންސެންޓް ނުވަތަ ހުއްދަ ހޯދައިދިނުން.
  • "މެރަނަ" ސްކީމްގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ، އެ ސްކީމްގެ ދަށުން ލިބޭ ކަވަރޭޖް އިތުރުކޮށްދިނުން.
  • ރަށަކުން ފޯމު ފުރައިދިން ޑޮކްޓަރަކީ ކަމާބެހޭ ޚާއްޞަ ޑޮކްޓަރަކަށް ނުވުމުގެ ސަބަބުން ނުވަތަ އިތުރު އޮޕީނިއަން ހޯދަން އެންގުމުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުން.
  • އަދި ރިފަރަލްއަށް އެދޭ ފަރުވާއަކީ ރަށުން ލިބެން ނެތް ނަމަވެސް، މާލެއިން ލިބެން ހުންނަ ފަރުވާއެއްނަމަ އެޕްލިކޭޝަން ރިޖެކްޓްވުމާ ގުޅޭ ކަންކަން ބެލުން.

ވެލްފެއަރ ސްކީމްގެ ދަށުން ވަކި މިންވަރަކަށް އެހީ ހަމަޖެހިފައިވާ ފަރާތްތަކުން، އެ އެހީގެ މިންވަރު މުރާޖައާކުރުމަށް އެދުމުން (ރީކޮންސިޑަރޭޝަން)، ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު އެހީގެ ލިމިޓް އިތުރުކޮށްދިނުން ނުވަތަ އިތުރު އެހީ ފޯރުކޮށްދިނުން.

މިކަންކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެންސްފާގެ ހޮޓްލައިން ނަންބަރު 1400 ނުވަތަ 1402 އަށް ގުޅުއްވުމަށް އެ އިދާރާއިން އެދެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް