މަޖިލީހުގެ ނައިބު ރައީސް ކަމަށް ވާދައެއް ނުކުރަން: ފަލާހް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ވާދަނުކުރައްވާނެ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ކަށަވަރުކޮށްދެއްވައިފިއެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ، އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ ޕީއެންސީން ހުށަހަޅާފައި ވަނިކޮށް، އޭނާ މިއަދު އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ނާޒިމް ވަކިކުރުމުގެ މައްސަލައާ އެކު، އެ މަގާމަށް ދެން އައްޔަނުކުރާނެ ބޭފުޅަކާ މެދު ޕީއެންސީގެ މެންބަރުންގެ މެދުގައި ބަހުސްތަކެއް ކުރެވުނެވެ.

ފަލާހް ނައިބު ރައީސްކަމުގެ ގޮޑިއަށް ޝައުގުވެރިވާ ވާހަކައަށް މީޑިއާގެ ސަމާލުކަން ލިބުމާއެކު ފަލާހު ވަނީ އެކްސް މެދުވެރިކޮށް އެކަން ސާފުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ވާދަކުރެއްވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

ފަލާހު މިހާރު މިހެން ވިދާޅުވި ނަމަވެސް، އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި މީގެ ކުރިން އޭނާ އެ މަގާމަށް ވަޑައިގަތުމަށްޓަކައި ބައެއް މަސައްކަތްތައް ކުރައްވާފައިވެއެވެ.

ނައިބު ރައީސަކު އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ އެންމެ ފުރަތަމަ ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 1:00 އަށެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް