ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ކުރިއަށްލަފާކޮށް އެ އިދާރާއިން ބުނެފައިވަނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.
ވައިގެ ދުވެއްޔަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
ކަނޑުގެ ހާލަތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެއެވެ. ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ކަނޑު ގަދަވާނެ ކަމަށް ބެލެވެއެވެ. ރާޅުގެ އުސްމިން އުތުރާއި މެދުރާއްޖެތެރޭގައި 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނައިރު، ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ.



