ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ޑޭޝް-8 މަރުކާގެ ބޯޓުތައް އައުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އިތުރު ދެ އޭޓީއާރު މަތިންދާބޯޓު ގަތުމަށް އޯޑަރު ދީފައިވާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްގެ ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިޔާސް ވިދާޅުވީ، 2022 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން އަލަށް އޯޑަރުކުރި ދެ ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު މިއަހަރުގެ ފަހުކޮޅު ރާއްޖެ ގެނައުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި ދެވަނަ ބޯޓު އަންނަ އަހަރުގެ ފަހުކޮޅު ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ފްލީޓް ޒަމާނީކުރުމުގެ މަޤްޞަދަކީ މިހާރު ބޭނުންކުރަމުންދާ، ދުވަސްވީ ޑޭޝް-8 ބޯޓުތައް އޮޕަރޭޝަނުން ވަކިކުރުމެވެ. މިކަމާ ގުޅޭގޮތުން އިޔާސް ފާހަގަކުރެއްވީ، 2008 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދާ މި ބޯޓުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޮޑެތި ޚަރަދުތަކެއް ހިނގާ ކަމަށެވެ. އެހެންކަމުން، އައު ބޯޓުތައް ފްލީޓާ ގުޅުމުން ކުންފުނީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ފްލީޓް ޒަމާނީ ކުރުމަށް ކުރާ މަސައްކަތުގެ ބޮޑު އިންސައްތައެއް ފުރިހަމަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުންފުނީގެ ފްލީޓުގައި މިހާރު ހިމެނޭ ޑޭޝް-8 މަރުކާގެ ބޯޓުތަކަކީ 2008 ވަނަ އަހަރުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަމުންދާ، ދުވަސްވީ ބޯޓުތަކެއްކަން ފާހަގަކުރައްވައި އިޔާސް ވިދާޅުވީ، އެ ބޯޓުތައް ބެލެހެއްޓުމަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ.
އިޔާސް އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، މިހާރު ބޭނުންކުރާ ޑޭޝް-8 ބޯޓުތަކުގެ އުމުރު 25 އަހަރަށްވުރެ މަތިވެފައިވާއިރު، މި މަރުކާގެ ބޯޓުތައް އުފެއްދުން 2010 ވަނަ އަހަރާ ހަމައަށް ވަނީ ހުއްޓާލާފައެވެ. މި ސަބަބާހުރެ، ބޯޓުތަކުގެ މަރާމާތަށާއި މެއިންޓެނެންސަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިކަމަށް އޮތް ހައްލެއްގެ ގޮތުން، ޑޭޝް-8 ބޯޓުތައް ބޭނުންކުރުން ހުއްޓާލައި، ކުންފުނީގެ ފްލީޓް އޭޓީއާރު (ATR) ބޯޓުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިޔާސް ވިދާޅުވިއެވެ. މިހާރުވެސް އޭޓީއާރުގެ ފަސް ބޯޓެއް އޮޕަރޭޝަންތަކުގައި ބޭނުންކުރަމުންދާއިރު، އޭގެ ތެރޭގައި މުޅިން އަލަށް ގަތް ބްރޭންޑް ނިއު ބޯޓެއް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
"ކުންފުނީގެ ތާރީޚުގައިވެސް މިއީ މުޅިން އަލަށް ބްރޭންޑް ނިއު ބޯޓެއް ގެނައި ފުރަތަމަ ފަހަރު. މީގެ ކުރިން އަބަދުވެސް ބޭނުންކުރަމުން އައީ ބޭނުންކޮށްފައި ހުންނަ ބޯޓުތައް ނަމަވެސް، މި މަޝްރޫޢުގެ ދަށުން ކުންފުނީގެ ފްލީޓަށް މިވަނީ މުޅިން އައު ބޯޓެއް އިތުރުކުރެވިފައި،" އިޔާސް ވިދާޅުވިއެވެ.




