ދަމަނަވެށިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް އަންނަ ހޯމަ ދުވަހުން ފެށިގެން އާބަން ހެލްތު ސެންޓަރާއި ހުޅުމާލެ ޖީޕީ ކްލިނިކަށް ބަދަލުކުރުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބަދަލު ގެންނަން ނިންމީ ދަމަނަވެށި ހިންގާ އިމާރާތާއި އެ ތަނާ އިންވެގެން ހުރި ތެލެސީމިއާ ސެންޓަރު މަރާމާތުކޮށް، އެ ސަރަހައްދުގައި "އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް" ގާއިމުކުރުމުގެ މަސައްކަތް ފެށުމަށެވެ.
އެހެންކަމުން، އަންނަ ހޯމަ ދުވަހުން ފެށިގެން ދަމަނަވެށީގެ ޚިދުމަތްތައް ބަދަލުވާނީ މާފަންނުގައި ހުންނަ އާބަން ޕްރައިމަރީ ހެލްތު ސެންޓަރަށާއި، ހުޅުމާލެ ފޭސް 2 ގައި ހުންނަ ޖީޕީ ކްލިނިކަށެވެ. މި ބަދަލާ ގުޅިގެން، ދަމަނަވެށީގައި މަސައްކަތްކުރަމުން ދިޔަ މުވައްޒަފުން ވެސް މިހާރު ވަނީ މި ދެ މަރުކަޒަށް ބަހާލައިފައެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ، ދަމަނަވެށީގެ ޚިދުމަތްތައް އެހެން ތަންތަނަށް ބަދަލުކުރީ ވަގުތީ ގޮތުން ކަމަށެވެ. އަދި ހެންވޭރުގައި ތަރައްގީކުރާ އާބަން ޕްރައިމަރީ ހެލްތު ސެންޓަރުގެ މަސައްކަތް ނިމުމުން، ދަމަނަވެށީގެ ހުރިހާ ޚިދުމަތްތަކެއް އެ މަރުކަޒަށް ބަދަލުކުރެވޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ދަމަނަވެއްޓަކީ މައިގަނޑު ގޮތެއްގައި ކުޑަކުދިންގެ ގަވާއިދުން ދޭ ވެކްސިންތަކާއި، ހައްޖާއި އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭނުންވާ ވެކްސިންގެ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒެވެ.




