މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިދާއިން ދައުލަތަށް ލިބިފައިވަނީ 160 މިލިޔަން ރުފިޔާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 36 އިންސައްތައިގެ ދަށްވުމެކެވެ. މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް" ގައިވާ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްއޯއީތަކުގެ ފައިދާއިން ދައުލަތަށް 258 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
މިއަހަރުގެ ބަޖެޓުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިދާއިން 552 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މިހާތަނަށް ދައުލަތަށް ލިބިފައިވަނީ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދުގެ އެންމެ 30 އިންސައްތައެވެ. މާލީ ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި، ޑިވިޑެންޑްގެ ގޮތުގައި ލިބޭ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިތަކަށް ލިބުނު ފައިދާ ދަށްވުމެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ޑިވިޑެންޑާއި، ފައިދާ އަދި އިންޓްރެސްޓްގެ ގޮތުގައި މިއަހަރު ޖުމްލަ 769 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެއެވެ. ނަމަވެސް، މިހާތަނަށް ދައުލަތަށް ލިބިފައިވަނީ ޖުމްލަ 243 މިލިޔަން ރުފިޔާއެވެ. މިއީ މުޅި ބަޖެޓުގެ 31 އިންސައްތައެވެ.
ފަހަކަށް އައިސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި ދައްކަމުންދާ މިންވަރު ދަށްވަމުންދާކަން ފާހަގަކުރެވެއެވެ.




