އަޟްޙާ ޢީދުގެ އުފާވެރި މުނާސަބަތާ ގުޅުވައިގެން، މިރޭ ހަވާ އެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދޭ ގޮތުގައި، މި ހަރަކާތް ކުރިއަށްދާނީ މިރޭ 21:15 އާއި 22:15 އާ ދެމެދުގެ ވަގުތެއްގައި، ވިލިމާލޭގެ ބޭރު ކަނޑުގެ ސަރަހައްދުގައެވެ. ގާތްގަނޑަކަށް ފަސް މިނެޓުގެ ވަގުތަކަށް ދެމިގެންދާ މި ހަވާ އެރުވުމަކީ ޢީދުގެ އުފާވެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
ރާއްޖޭގައި ފާހަގަކުރެވޭ ޤައުމީ އެކި މުނާސަބަތުތަކާއި އަމިއްލަ ފަރާތްތަކުން ބާއްވާ ޚާއްޞަ ޙަފުލާތަކާ ގުޅުވައިގެން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ހަވާ އެރުވުމުގެ ހަރަކާތްތައް އާންމުކޮށް ބާއްވަމުންދެއެވެ.
ޢީދުގެ މުނާސަބަތުގައި މިރޭ ހަވާ އެރުވުމަށް ތައްޔާރުވަމުންދާއިރު، މާލެއާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ޢީދުގެ ފޯރިގަދަ ކުޅިވަރުތަކާއި ސަގާފީ ހަރަކާތްތައް ވަރަށް ފޯރިއާއެކު ކުރިއަށްދާކަން ފާހަގަކުރެވެއެވެ.




