މި ޚާއްޞަ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ސްކައުޓް ހަރަކާތްތައް އިތުރަށް ފުޅާކުރައްވައި ކުރިއަށްގެންދެވުމަށް ސްކައުޓް އެސޯސިއޭޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މި ވޭތުވެ ދިޔަ 70 އަހަރު، ރާއްޖޭގައި ސްކައުޓް ހަރަކާތް ތަރައްޤީ ކުރައްވައި، ކުރިއަށް ގެންދެވުމަށް މަސައްކަތްޕުޅު ކުރެއްވި އަދި މިހާރުވެސް އެ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ އެންމެހައި ބޭފުޅުންގެ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރައްވައި، ދިވެހިރާއްޖޭގެ ސްކައުޓް އާއިލާއަށް އެމަނިކުފާނު ވަނީ ތަހުނިޔާ އާއި މުބާރަކުބާދީ ވިދާޅުވެފައެވެ.

މި މެސެޖު ނިންމަވާލައްވާފައިވަނީ، ދިވެހި ސްކައުޓް ހަރަކާތުގެ ސަބަބުން ރާއްޖޭގެ ކިޔަވާކުދިންނާއި ޒުވާނުންގެ މެދުގައި އަޚުވަންތަކަމުގެ ގުޅުމާއި، އެކަކު އަނެކަކަށް އެހީތެރިވުމާއި، ޖަމާޢަތަށް ޚިދުމަތް ކުރުމުގެ ރޫޙު އިތުރަށް އުފެދިގެން ދިޔުމުގެ ހެޔޮ ތައުފީޤު މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުޢާކުރައްވަމުންނެވެ.

މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކްސްގައިވެސް ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ. އެ މެސެޖުގައި ‏ސްކައުޓް ހަރަކާތަކީ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ، ޤައުމު ފަޚުރުވެރިވާ ޚިދުމަތެއް ކަމަށާއި ސްކައުޓް ހަރަކާތަކީ ރާއްޖޭގައި އޮތް އެންމެ ޒަމާންވީ، މުޅި ރާއްޖެއަށް އެންމެ ފުޅާކޮށް ފެތުރިފައިވާ އެންމެބޮޑު ވޮލަންޓްރީ ހަރަކާތް ކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އަދި ‏މި ހަރަކާތުން ދިވެހީންނަށް މުހިންމު އެތައް ހުނަރަކާއި ރީތި އާދަތަކެއް އުނގަންނައިދީފައިވާކަމާއި ހަރުދަނާ ދަރިންތަކެއް ޤައުމަށް ބިނާކޮށްދީފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އެމަނިކުފާނުގެ މަދަރުސީ ޙަޔާތުގައި ކަބްސް ސްކައުޓް އަދި ސްކައުޓް ހަރަކާތުގެ މާޒީގެ ދެ ފޮޓޯފުޅެއް ހިއްސާކުރައްވާ އިންސްޓަގްރާމް ޗެލެންޖެއްވެސް ފައްޓަވާފައެވެ. އެގޮތުން އެމަނިކުފާނުގެ މި ފޮޓޯފުޅުތަކާއެކު "ލެޓްސް ސީ ދި ސްކައުޓް އިން ޔޫ" ގެ ނަމުގައި މި ފެއްޓެވި ޗެލެންޖުގެ ތެރެއިން އެމީހެއްގެ އަމިއްލަ އެކައުންޓުގައި ސްކައުޓް ހަރަކާތުގެ އެމީހެއްގެ މާޒީގެ ހަނދާން އައުކޮށް ފޮޓޯ ޕޯސްޓްކުރުމަށް އެމަނިކުފާނުގެ ޕޯސްޓުގައި އެދިވަޑައިގެންފައިވެއެވެ.