ލ. ގަމުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި ކަރަންޓުގައި ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު ކުޑަކުއްޖާގެ ހާލަތު ރަނގަޅުވެ، ވެންޓިލޭޓަރުން ނަގައިފިއެވެ.
ފުލުހުންގެ ބުނި ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މި ހިނގާ މަހުގެ 27 ވިލޭރޭ 11:00 ހާއިރުއެވެ. ހާދިސާ ހިނގުމާއެކު، އެ ކުއްޖާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، ކުއްޖާގެ ހާލަތު ސީރިއަސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް ވަނީ މާލެއަށް ބަދަލުކޮށްފައެވެ.
އައި.ޖީ.އެމް.އެޗް އިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކަރަންޓުގައި ޖެހުނު ކުއްޖާ މާލެ ގެނެވުނުއިރު ހާލަތު ހުރިގޮތުން އެންމެ ފުރަތަމަ ފަރުވާ ދިނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ. އެއަށްފަހު، އައި.ސީ.ޔޫގައި ބާއްވައިގެން ފަރުވާ ދިނުމަށްފަހު، ކުއްޖާގެ ހާލަތު ރަނގަޅުވާން ފެށުމުން މިއަދު ވަނީ ވޯޑަށް ބަދަލުކޮށްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ގޮތާ ބެހޭގޮތުން މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ އެ ރަށުގައި ކުރިއަށްދިޔަ އީދު ކުޅިވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި މަގުމަތީގައި ހުރި ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެކެވެ. ކަރަންޓުގައި ޖެހުމާއެކު އެ ކުއްޖާ ވަގުތުން ހޭނެތިގެން ވެއްޓުނު ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވެއެވެ.



