މާލީ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް ސަބްސިޑީއާއި އެކި ބާވަތުގެ އެހީތަކަށް ދައުލަތުން ކުރި ހޭދަ 5 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައިފިއެވެ.
މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.7 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މާލީ ވުޒާރާއިން ނެރުނު ހަފުތާގެ ފިސްކަލް ރިޕޯޓުގައިވާ ގޮތުން، މި ހިނގާ މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީއާއި އެހީގެ ގޮތުގައި ޖުމްލަ 5.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 3.5 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 48 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި ދާއިރާއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސަބްސިޑީތަކަށެވެ. އެގޮތުން ސަބްސިޑީއަށް 2.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 1.2 ބިލިއަން ރުފިޔާއަށްވުރެ 77 އިންސައްތަ އިތުރު އަދަދެކެވެ.
ސަބްސިޑީގެ އިތުރުން ދެން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ކައުންސިލްތަކަށް ދެވޭ ބްލޮކް ގްރާންޓަށެވެ.
ކައުންސިލްތަކަށް މިއަހަރުގެ މިހާތަނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކޮށްފައިވަނީ 718 މިލިއަން ރުފިޔާއެވެ. މިއީ ގާތްގަނޑަކަށް 45.7 އިންސައްތައިގެ އިތުރުވުމެކެވެ.



