ގާތްގަނޑަކަށް 1.8 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ދެ އަންހެނުންގެ ތެރެއިން މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އާމިނަތު ރޫނާ ކަމަށް ފުލުހުން ތުހުމަތުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. މުތީގެއާގެ، ޢަލްޔާ ޝަރްސާ ނަޞީރު (25އ) އާއި ކ. ތުލުސްދޫ، ބިޖިލީއުފާ، އާމިނަތު ރޫނާ (29އ) އެވެ. މި ދެ މީހުންގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކުރުމަށްފަހު، އެންމެ ފަހުން ކޯޓުން ވަނީ ބަންދަށް އިތުރު 30 ދުވަސް އިތުރުކޮށްދީފައެވެ.
މި ދެ މީހުންގެ ތެރެއިން ޢަލްޔާ ހައްޔަރުކުރީ މި ހިނގާ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ރާއްޖެއަށް އައި ވަގުތު ކަސްޓަމްސް އިން އެ މީހުން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެންނެވެ.
ރޫނާގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ އިސް މޭސްތިރިއަކީ އޭނާއެވެ. އަދި ޢަލްޔާއަކީ ގިނަގިނައިން ރާއްޖޭން ބޭރަށް ދަތުރުކުރާ މީހެއްކަން އޭނާގެ ބަންދު ރިޕޯޓުން އެނގެން އޮވެއެވެ. މީގެ އިތުރުން، ކުރިން ބޭއްވި ބަންދު މަޖިލީހެއްގައި ރޫނާ ވަނީ އޭނާގެ ދިފާއުގައި ފުލުހުންގެ ބޮޑީކެމް ރިކޯޑިން ހޯދުމަށް އެދިފައެވެ.
މި ދެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، އެ ތަކެތި ގެންގުޅެ ބޭނުންކުރުމުގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުން ހިމެނެއެވެ. ބަންދު އަމުރު ރިޕޯޓުގައިވާ ގޮތުން، މި މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުރިކަން ކަށަވަރުވެއެވެ.



