އިންޑިއާއަށް ދަތުރުކުރާ ދިވެހިން ހިމެނޭހެން ހުރިހާ ފަރާތްތަކުން 'ސެލްފް ޑެކްލަރޭޝަން ފޯމު' (އެސްޑީއެފް) ހުށަހަޅަންޖެހޭ ގޮތަށް އިންޑިއާގެ ޑައިރެކްޓަރ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ނިންމައިފިއެވެ.
މި ނިންމުމާ ގުޅިގެން، ރާއްޖޭގެ ގައުމީ އެއާލައިން 'މޯލްޑިވިއަން' އިން ވަނީ އިންޑިއާ ސަރުކާރުގެ އެންގުމާ އެއްގޮތަށް، އެ ގައުމަށް ފުރުމުގެ ކުރިން އެސްޑީއެފް ފުރިހަމަކުރުމަށް ހުރިހާ ދަތުރުވެރިންނަށް އިލްތިމާސްކޮށްފައެވެ.
މޯލްޑިވިއަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާއިން މި ފިޔަވަޅު އަޅާފައިވަނީ އެބޯލާ ބަލީގެ ނުރައްކާ ދުނިޔޭގައި ބޮޑުވެ، އެއީ ބައިނަލްއަގުވާމީ ފެންވަރުގައި އާންމު ސިއްހަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅުމާ ގުޅިގެން ކަމަށެވެ.
އެހެންކަމުން، ދަތުރުވެރިން އިންޑިއާއަށް ދިއުމުގެ ކުރިން މި ފޯމު ފުރިހަމަކުރުމަށާއި، ފޯމު ފުރުމަށް ބޭނުންވާ ކިއުއާރް ކޯޑު މޯލްޑިވިއަންގެ މަންސަތަކުގައި ހިއްސާކޮށްފައިވާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ. މީގެ އިތުރުން، އިންޑިއާއަށް ދިއުމަށްފަހު އެ ގައުމުގެ ހެލްތް އެންޑް އިމިގްރޭޝަން ކައުންޓަރަށް އެ ފޯމު ހުށަހަޅަންޖެހޭނެ ކަމަށްވެސް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ.
މި ފިޔަވަޅުގެ މައިގަނޑު މަގްސަދަކީ ބަލިޖެހިފައިވާ މީހުން ދުރާލައި ދެނެގަތުމާއި، ފަސިންޖަރުންގެ މައުލޫމާތު ހޯދައި، އެއާޕޯޓުތަކުގައި ބަލިތައް މޮނިޓާކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމެވެ. އެހެންކަމުން އިންޑިއާއަށް ދަތުރުކުރާ ކޮންމެ މީހަކުވެސް މި ފޯމު ފުރިހަމަކުރުމަކީ މަޖުބޫރު ކަމެކެވެ.



