ޝަހުޒާންއާ ލީވާން ވަކި ގޮޅިއަކަށްލީ އެމީހުން ތިބި ގޮޅިން ފޯނެއް ފެނިގެން: އިހުސާން

"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ބަންދުކޮށްފައި ތިބި ގޮޅިން މޮބައިލް ފޯނެއް ފެނިފައިވާތީ، އެ މައްސަލަ ބަލަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ހާމަކުރައްވައިފިއެވެ.

މިނިވަންވުމަށްފަހު ޝަހުޒާން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އޭނާއާއި ލީވާން އެކަހެރިކޮށް ވަކި ގޮޅިތަކަކަށް ބަދަލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސީދާ އެންގެވުމަކަށް ކަމަށެވެ.

އަދި އޭނާ ބަންދުކޮށްފައި ހުރި ގޮޅިއަށް ޖަލުގެ އޮފިސަރުން ވަދެ، ތަކުރާރުކޮށް ބިރުދައްކައި، ގޮޅީގައި ހުރި ތަކެއްޗަށް ގެއްލުންދީފައިވަނީ ރައީސްގެ އިރުޝާދުގެ ދަށުން އޭނާ "ސައިޒުކުރުމުގެ" މަގުސަދުގައި ކަމަށްވެސް ޝަހުޒާން ތުހުމަތުކުރިއެވެ.

ނަމަވެސް، މިނިސްޓަރު އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހުޒާންގެ މި ވާހަކަތައް ވަނީ ދޮގުކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ދެ މީހުން ވަކި ގޮޅިތަކަކަށް ބަދަލުކުރީ ޖަލުގެ އުސޫލުތަކާ އެއްގޮތަށް، އެ މީހުން މޮނިޓާކުރުމުގެ ބޭނުމުގައެވެ. އަދި އެ ގޮޅިތައް ބަލައި ފާސްކޮށްފައިވަނީ ޖަލުގައި އާންމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޖަލަށް މަނާ ތަކެތި ވެއްދި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށްވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް