ކުރީގެ ރައީސް ނަޝީދު . - ފޮޓޯ: އެމްޑީޕީ

އެމްޑީޕީއަކީ އެމަނިކުފާނު އަބަދުވެސް އެންމެ ލޯބިވާ ސިޔާސީ ޕާޓީ ކަމަށާއި، އަދި އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ނޫނީ ދުނިޔެ ދޫކުރައްވަން ބޭނުންފުޅު ނުވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ކެމްޕެއިނަށް ފ. ބިލެއްދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ބިލެއްދޫގައި ބޭއްވި މި ބައްދަލުވުމުގައި، އިންތިޚާބުން ނާކާމިޔާބުވެއްޖެ ނަމަ ޕާޓީ ދޫކޮށްލައްވާނެތޯ މެންބަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ޕާޓީ ދޫކޮށް ވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ދެން ހުންނަވާނީ ސިޔާސީ ކަންކަމާ ދުރުގައި ގޭގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީއަކީ ގިނަގުނަ ގުރުބާނީތަކެއްގެ މަތީގައި ބިނާކޮށްފައިވާ ޕާޓީއެއް ކަމަށާއި، ޕާޓީން ވަކިކޮށްލުމަށް ދާންދެން އެ ޕާޓީގައި ދެމިހުންނަވާނެ ކަމަށެވެ. އެމަނިކުފާނުގެ އިޚްލާޞްތެރިކަމާ މެދު ޝައްކު ނުކުރުމަށް އެދިވަޑައިގަންނަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ހަށިކޮޅުން ތަނެއް ކަނޑާލި ނަމަވެސް އަންނާނީ "ރީނދޫ ލޭ" ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ނޫނީ އަވަހާރަވާން ވެސް ބޭނުންފުޅު ނުވާކަމަށް ވިދާޅުވެ، ޕާޓީއަށް އޮތް ލޯބި ވަރަށް ބޮޑަށް ހާމަކުރެއްވިއެވެ.

ޗެއާޕާސަންގެ އިންތިޚާބުގެ ކެމްޕެއިނަށް ރާއްޖޭގެ އެކި ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ނަޝީދު ވަނީ، އެމްޑީޕީގެ އެއްވެސް މެންބަރަކު ޕާޓީ ދޫކޮށް ވަކިވެގެން ދިއުމަށް އެދިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވެފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް