މި މަހު މުސާރަ ދެނީ، އަންނަ 28 އަދި 31 ވަނަ ދުވަހު: ފިނޭންސް މިނިސްޓްރީ

މި ހިނގާ މެއި މަހުގެ މުސާރައާއި އިނާޔަތްތައް މި މަހުގެ 28 އަދި 31 ވަނަ ދުވަހު ދޫކުރުމަށް ހަމަޖެހިފައިވާކަން ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މުސާރަ ދޫކުރުމުގެ ތަރުތީބަށް މި ބަދަލު ގެންނެވީ ކުރިއަށް އޮތް އަޟްޙާ އީދު ބަންދާއި، އެ ދުވަސްވަރު ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ރިއާޔަތްކުރެއްވުމަށްފަހު ކަމަށެވެ.

އީދު ބަންދާ ގުޅިގެން ސަރުކާރުގެ އޮފީސްތައް މި މަހުގެ 22 އިން ފެށިގެން ބަންދުކޮށްފައިވާއިރު، އޮފީސްތައް އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. އަދި ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މެއި 28 ވާ ބުރާސްފަތި ދުވަހުއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި، ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކު ހުޅުވާ ދުވަސް ކަމަށްވާ 28 މެއި، އަދި ސަރުކާރު އޮފީސްތައް އަލުން ހުޅުވޭ ދުވަސް ކަމަށްވާ 31 މެއި ގައި މުސާރައާއި އިނާޔަތްތައް ޖަމާކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށް ގެންދާނެއެވެ.

"ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން، ކޮންމެ މަހެއްގެ މުސާރަ ދޫކުރަންޖެހެނީ އެ މަހެއްގެ ރަސްމީ ބަންދު ނޫން ފަހު ތިން ދުވަހުގެ ތެރޭގައި. އެހެންކަމުން މެއި މަހުގެ މުސާރައާއި އިނާޔަތްތައް ދޫކުރާނީ 28 އަދި 31 މެއިގައި،" އޮފިޝަލް ވިދާޅުވިއެވެ.

މާލީ ވުޒާރާއިން ބަޔާންކުރެއްވި ގޮތުގައި، މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މުސާރަ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ސަރުކާރުން އެ މަސައްކަތް ފުރިހަމައަށް ކުރިއަށްގެންދާނެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް