ދިވެހި ޙައްޖުވެރިން ޢަރަފާތު ބިމުގައި.

މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ ދިވެހި ޙައްޖުވެރިންގެ ތެރެއިން، އެންމެ ޙައްޖުވެރިއަކު ފިޔަވައި އެންމެހާ ފަރާތްތަކުން ޢަރަފާތް ބިމަށް ޖަމާވެފައިވާ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ދިވެހި ޙައްޖުވެރިން މިނާއިން ޢަރަފާތަށް ދިއުމަށް ދަތުރު ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، ޖުމްލަ 22 ބަހެއްގައި ޙައްޖުވެރިން ގެންދިއުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިނިސްޓަރު ޝަހީމް މިއަދު ފަތިހު ވިދާޅުވި ގޮތުގައި، މިވަގުތު ޢަރަފާތަށް ނުގެންދެވި ހުރި ހަމައެކަނި ޙައްޖުވެރިޔާއަކީ މިނާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ފަރާތެކެވެ.

އެހެންނަމަވެސް، އެ ފަރާތްވެސް ޢަރަފާތަށް ގެންދިއުމަށް ބޭނުންވާ އިންތިޒާމުތައް މިހާރު ހަމަޖައްސަވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޙައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ އެ ބޭފުޅާއާއެކު ހަރަކާތްތެރިވެ، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން. ޙައްޖުވެރިންގެ ހުރިހާ ކަމެއްވެސް އާންމުގޮތެއްގައި ވަރަށް ރަނގަޅު،" މިނިސްޓަރު ވިދާޅުވިއެވެ.

ޢަރަފާތް ބިމުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އަދި ޢަރަފާތުގައި ބައިވެރިނުވެވޭ މީހެއްގެ ޙައްޖުގެ އަޅުކަން ފުރިހަމަވެގެން ނުދާނެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް