ވޯޓު ގުނުމުގެ މަސައްކަތް އިންތިހާބު އޮފިޝަލުން ކުރަނީ:

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު 4،121 މީހުންނަށް ލިބިގެންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ މި އިންތިޚާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި އަޙްމަދު ސައީދާއި، އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވި ޢަބްދުﷲ ސާދިގެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައެވެ. އެ ކޮމިޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި މި އިންތިޚާބުގައި އައްޑޫ ސިޓީގައި 5 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގައި 2 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އައްޑޫ ސިޓީގައި ވޯޓުލުން ކުރިއަށްދާނީ ހިތަދޫ ސްކޫލުގައެވެ.

މި ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހަށެވެ. ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، 2024 ވަނަ އަހަރުގެ އިންތިޚާބުގައި އެ ދާއިރާއަށް ހޮވުނު މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމާއި، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކޮށްފައިނުވާކަން ސާބިތުވާތީ، ސުޕްރީމް ކޯޓުން އޭނާގެ މެންބަރުކަމުގެ ޝަރުތު އުނިވެފައިވާ ކަމަށް ނިންމުމާ ގުޅިގެންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް