ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ޝަރަފުގައި ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ބޭއްވި ފުޓްބޯޅަ އެގްޒިބިޝަންގައި ރައީސް މުއިއްޒުގެ ޓީމާއި އިންފަންޓީނޯގެ ޓީމު

ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތްތައް ދިވެހިރާއްޖޭގައި ބޭއްވުމަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ފުޓްބޯޅަ ދުވަހުގެ މުނާސަބަތުގައި އެކްސް މެދުވެރިކޮށް ދެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުޓްބޯޅައަކީ މުޅި ދުނިޔެ އެއްބައިކުރުވާ ފަންނެއްކަން ފާހަގަކުރައްވައި، މި ކުޅިވަރަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ފުޓްބޯޅައަކީ ދިވެހިންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙު ވަރުގަދަކޮށްދޭ، އަދި އަންނަން އޮތް ޖީލުތަކަށް ނަމޫނާ ދައްކުވައިދޭ ކުޅިވަރެކެވެ.

ފުޓްބޯޅައިގެ އުމްރާނީ ތަރައްޤީއަށް ސަރުކާރުން ދެއްވާ އިސްކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ފީފާގެ މިންގަނޑުތަކަށް ފެތޭ ފުޓްބޯޅަ ދަނޑުތައް ބިނާކުރުމާއި، މިހާރު ހުރި ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން، ކުޅިވަރުގެ ދާއިރާ ލާމަރުކަޒީ އުސޫލުން ކުރިއެރުވުމަށްޓަކައި "ކުޅިވަރުގެ ޤާނޫނު" އަށް ގެނެވުނު އިޞްލާޙުތަކަކީ މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަކީ ބައިނަލްއަޤްވާމީ ފެންވަރުގެ މުބާރާތްތައް ބާއްވާ މަރުކަޒަކަށް ހެއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް