ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެނެޓުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ކަމެއް ބޭރުކޮށްލައި، އެމަނިކުފާނުގެ ބާރު ކުޑަކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢަބްދުއްރަޙީމް ވިދާޅުވީ، ޕާޓީގެ ސެނެޓުން ވަކި ގޮތަކަށް ކަމެއް ނިންމުމަށް ރައީސް މުޢިއްޒު އެއްވެސް ހުށަހެޅުމެއް ހުށަނާޅުއްވާ ކަމަށެވެ.
އަދި ޕީއެންސީއަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިންގާ ޕާޓީއެއްކަން ފާހަގަކުރައްވައި، ދޮގު ޚަބަރުތައް ފަތުރައިގެން ޕާޓީގެ ސަފުތައް ބައިބައި ނުކުރެވޭނެ ކަމަށާއި، މުޅި ޕާޓީ އޮތީ ރައީސް މުޢިއްޒާއެކު ސާބިތުކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވެސް ވަނީ މި ވާހަކަތައް ދޮގުކުރައްވާފައެވެ. ފަލާޙް ވިދާޅުވި ގޮތުގައި، ރައީސް މުޢިއްޒު އެދިވަޑައިނުގަންނަވާ ނުވަތަ އެމަނިކުފާނު ބޭނުންފުޅުނުވާ އެއްވެސް ކަމެއް ޕާޓީގެ ސެނެޓުގައާއި ލީޑަރޝިޕްގައި ނުހިނގާނެއެވެ.
އަދި ޕާޓީގެ ހުރިހާ މެންބަރުންގެ ފުރިހަމަ އިތުބާރާއި ލޯބި ރައީސަށް އޮތްކަން ހާމަކުރައްވަމުން، ފަލާޙް ވިދާޅުވީ ރައީސް އަބަދުވެސް އަމަލުކުރައްވަނީ މަޝްވަރާގެ އުސޫލުން، ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށެވެ. އެންމެ ފަހުން ބޭއްވި ސެނެޓް ބައްދަލުވުމުގައި ވެސް ކަންކަން ހިނގާފައިވަނީ މި އުސޫލުންކަން އޭނާ ފާހަގަކުރެއްވިއެވެ.



