ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައެޅުއްވި އައު ސަފީރު، އަލްފާޟިލް އަޙްމަދު މަޚްލޫފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޖަޕާނުގެ އެމްޕެރަރ ނަރުހިޓޯއަށް މިއަދު ރަސްމީކޮށް އަރުވައިފިއެވެ.

ޓޯކިޔޯގެ އިމްޕީރިއަލް ޕެލަސްގައި ބޭއްވުނު މި ޝަރަފުވެރި ރަސްމިއްޔާތަށްފަހު، އެމްޕެރަރ ނަރުހިޓޯ ވަނީ ސަފީރު މަޚްލޫފާ ބައްދަލުކުރައްވައި، މަރުޙަބާ ދަންނަވައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ހެޔޮއެދުންތަކާއި ތަހުނިޔާ، ސަފީރު ވަނީ އެމްޕެރަރއަށް ރައްދުކޮށްދެއްވާފައެވެ.

މީގެއިތުރުން، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ސަފީރު މަޚްލޫފް މި ބައްދަލުވުމުގައި ދެއްވިއެވެ.

ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 14 ނޮވެމްބަރު 1967 ގައެވެ. އަންނަ އަހަރަކީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުވިތާ 60 އަހަރު ފުރޭ އަލމާސީ މުނާސަބަތު ފާހަގަކުރާނެ އަހަރެވެ.

މި ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި، ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ އަޙްމަދު ޢާދިލާއި، ސެކަންޑް ސެކްރެޓަރީ ހައްވާ ސަމްޙާ އަދި އާމިނަތު ރަޒިއްޔާގެ އިތުރުން އަޝްރަފް ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް