ރައީސް، އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އުރުދުންގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރަސްގެފާނު ޢަބްދުالله ދެވަނަ އިބްނު އަލް ޙުސައިންއަށާއި، ބޮޑުވަޒީރު އަދި މިނިސްޓަރ އޮފް ޑިފެންސް، ޑޮކްޓަރ ޖައުފަރު ޙަސަންއަށް، ތަހުނިޔާ ފޮނުއްވައިފިއެވެ.

ރަސްގެފާނު ޢަބްދުﷲ ދެވަނައަށް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އުރުދުންގެ ލީޑަރޝިޕަށާއި އުޚުއްވަތްތެރި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރެއްވިއެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ރަޙުމަތްތެރިކަމާއި، އިޙްތިރާމާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫޙަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ފާހަގަކުރައްވައި، ކުރިއަށް އޮތް އަހަރުތަކުގައި މި ގާތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.

ބޮޑުވަޒީރު ޑޮކްޓަރ ޖަޢުފަރު ޙަސަނަށް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހޫނު މަރުޙަބާއެއް ދަންނަވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަކީ އެއްބަސްވެވޭ އުޞޫލުތަކަކާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މި ބަދަހި ބައިވެރިވުން ކުރިއަރައި، ދެޤައުމުގެ ދެމެދުގައި އޮންނަ އެއްބާރުލުން އައު ދާއިރާތަކަށް ފުޅާވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
ދެ ބޭފުޅުންނަށް ފޮނުއްވި މެސެޖު ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އުރުދުންގެ ވެރިންނަށް ދުޅަހެޔޮކަމާއި އާރޯކަމަށް އެދިވަޑައިގެން، އެޤައުމުގެ ރައްޔިތުންނަށް ދާއިމީ ސުލްޙަޔާއި، ތަރައްޤީއާއި، ފާގަތިކަމަށް އެދިވަޑައިގަންނަވާފައެވެ.

މީގެ އިތުރުން، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ބަޔާނެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއާއި އުރުދުންގެ ދެމެދުގައި އޮތް ދާއިމީ ގުޅުން ބިނާވެފައިވަނީ ދީނީ އެއްބައިވަންތަކަމާއި އެއްގޮތް އުޞޫލުތަކެއްގެ މައްޗަށްކަން ފާހަގަކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް އޯގާތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރެއްވިއެވެ.

އުރުދުންގެ މިނިވަން ދުވަހަކީ އިނގިރޭސީންގެ އިސްތިޢުމާރުން އެޤައުމު މިނިވަންވެ، 25 މޭ 1946 ގައި މިނިވަން ރަސްކަމެއްގެ ގޮތުގައި އިޢުލާންކުރި ދުވަހެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް