ދިވެހިރާއްޖޭގެ ހުރިހާ ޙައްޖުވެރިން މިހާރު މިނާއަށް ޖަމާވެފައިވާއިރު، މިނާ އާއި އަރަފާތުގައި ޙާޖީން ތިބުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ވަނީ ވަރަށް ފުރިހަމައަށް ރޭވިފައެވެ.
ޙައްޖުވެރިން މިނާއަށް ދިއުމަށް ދަތުރު ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ. ފަތިސްވުމުގެ ކުރިން ހުރިހާ ޙައްޖުވެރިންނަށް މިނާއަށް ދެވިފައިވާއިރު، މިނާގައި އަންހެނުންނާއި ފިރިހެނުންނަށް ޚާއްޞަ ވަކި ޓެންޓުތަކާއި، ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށް ވަކި ބުފޭ ސަރަޙައްދުތަކެއް ވަނީ ކަނޑައެޅިފައެވެ.
މިނާގެ ކޮންމެ ޓެންޓަކީ އޭސީ ކުރެވިފައިވާ ތަނަކަށްވާއިރު، ކޮންމެ ޙާޖީއަކަށް ސޯފާ ބެޑަކާއި، ބާލިސް އަދި ބެޑްޝީޓް ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން، ކޮންމެ ޙާޖީއަކަށް ބޭނުންވާނެ މުސައްލަ، ކުޑަ، ފެންފުޅި، ހިލަ އެޅުމަށް ބޭނުންވާ ކޮތަޅު، ކުޑަ ދަބަސް އަދި ޒާތީ ސާފުތާހިރުކަމަށް ބޭނުންވާ ތަކެތި ހިމެނޭ ޚާއްޞަ ޕެކޭޖެއް ވަނީ ހަދިޔާކުރެވިފައެވެ.
މިއަހަރުގެ ޙައްޖުގެ އިންތިޒާމުތަކުގެ ތެރެއިން، ދިވެހި ޙައްޖުވެރިންނަށް ޚާއްޞަކޮށް 60 ފާޚަނާ ބަހައްޓާފައިވެއެވެ. މިއީ މީގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ފަސްގުނަ އިތުރު އަދަދެކެވެ. މީގެ އިތުރުން، ޙާޖީންނަށް ހިލޭ ފިނިބުއިންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ޓެންޓުތަކުން ބޭރުގައި ފްރިޖްތައް ވަނީ ބަހައްޓާފައެވެ.
މިނާގެ އިތުރުން، އަރަފާތުގައި ޙާޖީން ތިބުމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއްވެސް މިހާރު ވަނީ ނިމިފައެވެ. ޙައްޖުވެރިން މަޝާއިރުގެ މާތް ބިމުގައި ޖުމލަ ހަ ދުވަސް ހޭދަކުރާނެއެވެ.




