ހުޅުމާލޭގެ ޕްލޮޓް ނަންބަރު 10623 ގައި، ކުރީގެ ކޮވިޑް ފެސިލިޓީ ހުރި ބިމުގައި އަލަށް ބިނާކުރި ޖަލު ޔުނިޓުގެ ފުރަތަމަ ސެލް ބްލޮކްގެ މަސައްކަތްތައް ނިންމައި، 16 ގައިދީންގެ ފުރަތަމަ ބެޗް އިއްޔެ އެ ތަނަށް ބަދަލުކޮށްފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލާ ކުރިމަތިވާގޮތަށް ހުންނަ މި މަރުކަޒުގައި ޖުމްލަ 140 މީހުންގެ ޖާގަ ހިމެނޭ ފަސް ސެލް ބްލޮކް ގާއިމުކޮށްފައިވެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، މި ޔުނިޓަކީ ހުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ ތެރެއިން މާލޭ ސަރަހައްދުގައި ފަންނީ މަސައްކަތްތަކުގައި އުޅޭ މީހުން ބޭތިއްބުމަށް ހާއްސަކޮށް، އެއަރކޮންޑިޝަން ކުރެވިފައިވާ ހޯލްޑިންގ ސެލްތަކާއެކު ތަރައްގީކޮށްފައިވާ ތަނެކެވެ.
މި އިމާރާތުގެ ތިރީ ފަންގިފިލާގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށް އޮތް ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެއެވެ. އެއާއެކު، ކޯޓުތަކަށް ހާޒިރުކުރަންޖެހޭ ފަރާތްތަކާއި ސިއްހީ ފަރުވާއަށް މާލެ ގެންނަ ގައިދީން ބޭތިއްބުމަށް އޮތް ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.




