ޗުއްޓީ ދުވަސްވަރު ބަލިތައް ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރައްވައިފި އެވެ.
އެ އެޖެންސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާދައިގެ ރޯގާއާއި، އިންފްލުއެންޒާ އަދި ޑެންގީ ހުން ޖެހޭ މިންވަރު ވަނީ އިތުރުވެފައެވެ. މީގެ އިތުރުން މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވާތީ، ބަލިތައް އިތުރަށް ފެތުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި އެޗްޕީއޭއިން ފާހަގަކުރައްވައެވެ.
ކުރިއަށް އޮތް ބޮޑު އީދު ބަންދާ ގުޅިގެން ރަށްރަށަށް ދަތުރުކުރުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ޒިޔާރަތްކުރުން އިތުރުވާނެތީ، ބަލިތަކުން ދުރުހެލިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މިގޮތުން ދަތުރުވެރިންނާއި އާންމުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް އެ އެޖެންސީން ވަނީ ހިއްސާކުރައްވާފައެވެ.
ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހުން އައުން ނުވަތަ ނޭވާލާ ނިޒާމުގެ އުނދަގުލެއް ހުރިނަމަ ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމަށާއި، ހާލަތު ގޯސްވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އިރުޝާދު ދީފައެވެ. ޑޮކްޓަރަށް ދައްކަން ދާއިރު މާސްކު އެޅުމަށާއި، ހިމަބިއްސަށް ޝައްކު ކުރެވޭނަމަ ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށްވެސް ވަނީ އަންގާފައެވެ. މީގެ އިތުރުން، އެއާޕޯޓާއި ފެރީ ޓާމިނަލް ފަދަ މީހުން ގިނަ ތަންތަނުގައި މާސްކު އެޅުމާއި، ގިނަގިނައިން އަތް ދޮވުމަކީ މުހިންމު ކަމެކެވެ. ބަލިތަކުން ދިފާއުވުމަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށްވެސް ވަނީ ބާރުއަޅުއްވާފައެވެ.
މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ސަލާމަތްވުމަށްޓަކައި، މަދިރި ލޯޝަން ބޭނުންކުރުމާއި، ހަށިގަނޑު ނިވާވާފަދަ ހެދުން އެޅުމުގެ އިތުރުން، ގޭތެރެއާއި ގޯތިތެރޭގައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެޗްޕީއޭއިން އިރުޝާދު ދެއްވައެވެ. ޗުއްޓީ ދުވަސްވަރު ސިއްހީ ރައްކާތެރިކަމަށް އިސްކަންދިނުމަށް އެދެމުން، ސިއްހީ މައުލޫމާތު ހޯދުމުގައި ރަސްމީ މަސްދަރުތަކަށް ބަރޯސާވުމަށްވެސް އެ އެޖެންސީން ވަނީ ހަނދާންކޮށްދީފައެވެ.




